ކުޅިވަރު

ލީގުގައި ކުޅުނު ހަތަރުވަނަ މެޗުވެސް ބަޔާން ކާމިޔާބުކޮށްފި


ހާރތާ ބާލިން ބަލިކޮށް ޖަރުމަން ބުންޑަސްލީގާގައި ކުޅުނު ހަތަރުވަނަ މެޗުވެސް ބަޔާން މިޔުނިކް ކާމިޔާބުކޮށްފިއެވެ. 

ލީގުގައި ރޭ ހާރތާ ބާލިންގެ މައްޗަށް ބަޔާން މިޔުނިކް ކުރިހޯދީ ތިނެއް ސުމަކުންނެވެ. މެޗުގައި ބަޔާންގެ ލަނޑުތައްޖަހައިދިނީ ފްރެކް ރިބެރީ، ތިއާގޯ އަލްކަންޓާރާ އަދި އާޔެން ރޮބެންއެވެ. ރޭގެ މެޗުގައި ގިނަ ދުވަސްތަކެއް އަނިޔާގައި ހުރުމަށްފަހު ކުޅެން ނިކުތް ރޮބެންގެ ފަރާތުން ގޯލެއް ފެނިގެންދިޔައިރު، ކޯޗް އެންޗެލޯޓީވެސްވަނީ ރޮބެންގެ ކުޅުމަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. 

ރޭ ބުންޑަސްލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ކްލޯންވަނީ ތިނެއް އެކަކުން ފަހަތުން އަރާ ޝާލްކާ ބަލިކޮށްފައެވެ. ބަޔާ ލެވަކޫޒެން އަދި އޮއުގްސްބާގްގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ވާރޑާ ބްރޭމަން އަދި މެއިންޒްގެ ކުރިމަތިލުން ދޭއް އެކަކުން ކާމިޔާބުކުރީ މެއިންޒެވެ. އާރްބީ ލިޕްޒިގް އަދި ބޮރޫޝިޔާ މެންޚޮންގްލެޚްބާގެ ކުރިމަތިލުން ދޭއް އެކަކުން ކާމިޔާބުކުރީ ބޮރޫޝިޔާ މެންޚޮންގްލެޚްބާއެވެ.

ރޭގެ މެޗުތަކަށްފަހު ޖަރުމަން ބުންޑަސްލީގާ ތާވަލްގެ އެއްވަނާގައި ބަޔާން މިޔުނިކް އޮތީ ބާރަ ޕޮއިންޓާއިއެކުގައެވެ. ދެވަނާގައި ކްލޯން އޮތްއިރު، ތިންވަނާގައި އޮތީ ބޮރޫޝިޔާ ޑޯޓްމުންޑެވެ.