ތަރައްްޤީ

ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ފަށްޓަވައިފި


ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

މިމަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް ފައްޓަވާފައިވަނީ އިއްޔެއެވެ. މިއީ ކުޅުދުއްފުށީގެ މަގުތަކުގެ ޙާލަތު ދަށްވެފައިވާތީ އެރަށާއި، އެރަށަށް ޒިޔާރަތްކުރާ އެ ސަރަޙައްދުގެ ރައްޔިތުންގެ ފަސޭހައަށްޓަކައި ސަރުކާރުން ހިންގަވާ މަޝްރޫޢެކެވެ.

ބާރަހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ކުޅުދުއްފުށީގައި ސަރުކާރުން ފައްޓަވާފައިވާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ 18 މަގެއް ތާރުއަޅުއްވައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނެވެ.

img:http://s4.psmnews.mv/images/660x400/14744682325084.jpg|ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

ކުޅުދުއްފުށީ މަގުތަކަކީ، ވިއްސާރަ މޫސުމުގައި ހިނގާބިނގާވެ ނޫޅެވޭވަރަށް ފެންބޮޑުވާ މަގުތަކަކަށްވުމުން، މިމަޝްރޫޢަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި މަޝްރޫޢެއްކަމަށް ކުޅުދުއްފުށީ ކައުންސިލް މެމްބަރ އިބްރާހީމް އައްބާސް ވިދާޅުވިއެވެ.

"ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވޭ. މިހާރުވެސް އެތައް ބައިވަރު ރައްޔިތުންނަކަށް ގެއްލުންލިބޭ ވިއްސާރަ ދުވަސްވަރުގައި ހެދޭ ވަޅުގަނޑުގެ ސަބަބުން ވެއްޓިގެން އަނިޔާވަމުންދާތީ. އެހެންކަމުން އެކަންކަމަށް ބަލާއިރު ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް މިއީ." ކުޅުދުއްފުށީ ކައުންސިލް މެމްބަރ އިބްރާހީމް އައްބާސް ވިދާޅުވިއެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ މަސައްކަތް ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު އިއްޔެ އަލުން ފެށިފައިވާއިރު މިމަސައްކަތް މިހާރު ކުރިއަށް ދަނީ ބަންޑާރަ މަގުގައެވެ.

"ކުރިންވެސް މަސައްކަތް ފެށިފައި އޮތީ ބަންޑާރަ މަގުގައި. އެއީ ކުޅުދުއްފުށީގައި ހުންނަ އެމްއެންޑީއެފް ޔުނިޓުން ފެށިގެން ރީޖަނަލް ހޮސްޕިޓަލްގެ ނިޔަލަށް ކުރިން ނިމިފަ އިނީ ޕޭވްމަންޓްގެ ކާރވް ސްޓޯން ޖެހުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް. ޕޭވްމަންޓްގައި ވަޅުލަންޖެހޭ ހޮޅިވަޅުލުމުގެ މަސައްކަތް ތާރުއެޅުމުގެ ކުރިން. މިހާރު ކުރިއަށް އެދަނީ އޭގެ އުތުރުން ޖެހިގެން އޮތް ބައިގެ މަސައްކަތް" ކުޅުދުއްފުށީ ކައުންސިލް މެމްބަރ އިބްރާހީމް އައްބާސް ވިދާޅުވިއެވެ.

ޢާއްމު ރައްޔިތުން އެންމެ ބޮޑަށް ބޭނުން ހިފަންޖެހޭ މަގުތައް މިމަޝްރޫޢުގެ ދަށުން ހެދިގެން ދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ކައުންސިލުން ފާހަގަކުރައްވައެވެ.

img:http://s4.psmnews.mv/images/660x400/14744682325084.jpg|ކުޅުދުއްފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ކުޅުދުއްފުށީ ކައުންސިލް

"މިހާރު އޭގެތެރޭގައި އެބައޮތް ޢާއްމުކޮށް ރައްޔިތުން ބޭނުންކުރާ ބައެއް މަގު ނުހިމެނިވެސް. އެއީ ސަރުކާރުން ކަނޑައަޅުއްވާފައި ހިމަނުއްވާފައި ހުރި މަގުތަކެއް. އަޅުގަނޑުމެން ބޭނުންވޭ އިތުރު މަގުތަކެއް. ޢާއްމު ރައްޔިތުން އެންމެ ބޮޑަށް ބޭނުން މިހިފަނީ ހޮސްޕިޓަލަށާއި، ސްކޫލުތަކަށް ދިއުމަށް. އެގޮތަށް ހުރި މަގުތަކުގައި އެބަ ހިމެނޭ ރައްޔިތުން ވަރަށް ބޭނުންވާ މަގުތައް. އަޅުގަނޑުމެން އެދެނީ މިލަސްވި ލަސްވުމާ ގުޅިގެންވެސް އިތުރު މަގުތަކެއް މީގެތެރެއަށް ވަދެގެން ދިއުން" ކުޅުދުއްފުށީ ކައުންސިލް މެމްބަރ އިބްރާހީމް އައްބާސް ވިދާޅުވިއެވެ. 

ކުޅުދުއްފުށީ މަގުތަކުގެ މަސައްކަތް ގާތްގަނޑަކަށް 9 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްއާރުޑީސީންސ ހާމަކުރެއެވެ. މެދުކެނޑިފައި އޮތުމަށްފަހު މަގުތަކުގައި މަސައްކަތް އަލުން ފެށިފައިވާތީ ރައްޔިތުން އެކަމާ ވަރަށް ހިތްހަމަޖެހިފައިވާކަން ކައުންސިލުން ފާހަގަކުރައްވައެވެ.