ޚަބަރު

ފަތުރުވެރިން އެއާޕޯޓަށް ގެންދިއުމުގެ ކުރިން ފްލައިޓް ޝެޑިއުލް ބަލަން އިލްތިމާސްކޮށްފި


  • މެދުއިރުމައްޗަށް ފުރާ ގިނަ ފްލައިޓްތަކެއް ދަނީ ކެންސަލްވަމުން

  • ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ނުފުރި އެއާޕޯޓްގައި ތާށިވެފައި

ފަތުރުވެރިން އެއާޕޯޓަށް ގެންދިއުމުގެ ކުރިން އެއަރލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް، ރިސޯޓްތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ މަރުކަޒުތަކުން ރަނގަޅަށް ކަށަވަރުކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިލްތިމާސްކުރައްވައިފިއެވެ. އެ ވުޒާރާއިން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ އަދަދެއްގެ ފްލައިޓްތަކަކުން ދަތުރުތައް ކެންސަލްކުރަމުންދާތީއެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ އެއަރ ސްޕޭސް ބަންދުކުރުމާއި ގުޅިގެން ރާއްޖެއަށް އަންނަން އޮތް އަދި ރާއްޖެއިން ފުރަން އޮތް ގިނަ އެއަރލައިންތަކެއްގެ ދަތުރުތައް ދަނީ ކެންސަލްކުރަމުންނެވެ. އެހެންކަމުން ގިނަ އަދަދެއްގެ ފަތުރުވެރިން އެއާޕޯޓްގައި ނުފުރި ތާށިވެފައި އެބަތިއްބެވެ.

މިކަމާއި ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްވަމުންދާތީ ދަތުރުވެރިންނަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

އެހެންކަމުން ފަތުރުވެރިން އެއާޕޯޓަށް ގެންދިއުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމަށް ހުރިހައި ރިސޯޓްތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ މަރުކަޒުތަކަށް އެވުޒާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ. ދަތުރުތައް ކެންސަލްވުމުގެ ސަބަބުން މަޑުކުރަންޖެހިފައިވާ ފަރާތްތަކުން އެއާލައިންތަކާއި ކަމާގުޅޭ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިއްޔެ އެކަނިވެސް 8 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ. އަދި 1400 އަށްވުރެ ގިނަ ފަތުރުވެރިން ނުފުރި އެއާޕޯޓްގައި ވަނީ މަޑުކުރަންޖެހިފައެވެ. މިއަދުވެސް ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްވެފައެވެ. އެހެންކަމުން ފަތުރުވެރިންގެ ހާލު ބެއްލެވުމަށް އަދި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވަނީ އެއާޕޯޓަށްވެސް ވަޑައިގެންފައެވެ. އަދި އެމްއޭސީއެލްއާއި ގުޅިގެން އެއާޕޯޓްގައި ފަތުރުވެރިންނަށް ވަނީ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާފައެވެ.