ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާކަމަށެވެ.
މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ.
• 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
• ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން.
• ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކަށް ނުވުން.
• ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުން.
• އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން.
އިންތިޚާބުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ހިފެހެއްޓުމުގެ ގޮތުން ވަކި ދާއިރާތަކެއްގައި މަސައްކަތްކުރާ ފަރާތްތަކަށް މަންދޫބަކަށްވުމުގެ ފުރުޞަތު ނޯންނާނެއެވެ. އޭގެ ތެރޭގައި ފަނޑިޔާރުން، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ވެރިން، ދިވެހި ފުލުހުން އަދި ސިފައިން ހިމެނެއެވެ. އަދި އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނާ ހަވާލުވެގެން ހުރި މީހަކަށް ނުވަތަ އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހަކަށް ވެސް މަންދޫބަކަށް ނުވެވޭނެއެވެ.
މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑަށް ބޯލަނބަންޖެހޭ ފަރާތްތަކެކެވެ. އެގޮތުން، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވުމަކީ މަންދޫބަކަށް ވުމަށް ލާޒިމްކުރާ ކަމެކެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރަށްވާ ގޮތުގައި ، މި އިންތިޚާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. މި މަސައްކަތް ކުރިއަށްގެންދާނީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑިއަކީ 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ 3004432 ނުވަތަ 3004433 ނަންބަރަށް ގުޅުއްވުމުން ލިބިލައްވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.