އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.
ނޮޓިންހަމްގެ ދަ ސިޓީ ގްރައުންޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފަ އެވެ.
ލިވަޕޫލް އަށް މި މެޗުގައި ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފައިވާއިރު ނޮޓިންހަމް ފޮރެސްޓްގެ ގޯލުކީޕަރު ސްޓެފަން އޯޓޭގާ ވަނީ މޮޅު ސޭވްތަކެއް މި މެޗުގައި ކޮށްފަ އެވެ. އެގޮތުން ހޫގޯ އެކިޓީކޭ ފޮނުވާލި ނުރައްކާތެރި ހަމަލަ ފާހަގަކޮށްލެވެއެވެ.
މި މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާގެ މިޑްފީލްޑަރ އެލްކްސިސް މެކަލިސްޓަރ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ ލަނޑު ޖެހުމުގެ ކުރިން އެ ބޯޅައިގައި އަތުން ޖެހިފައިވާކަމަށް ބުނެ އެ ނިންމުން ބަދަލުކޮށްފަ އެވެ.
ލިވަޕޫލް އިން މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ހަތްވަނަ މިނިޓުގައި އެލެކްސިސް މެކަލިސްޓަރ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވަރޖިލް ވެންޑައިކް ބޮލުން ޖެހި ބޯޅަ ކީޕަރު އޯޓޭގާ ބްލޮކް ކުރި ވަގުތު އެ ބޯޅަ މެކަލިސްޓަރ އަށް ލިބުނު އޭނާ ދެވަނަ ފަހަރަށް ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް ވަނީ މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ މަގާމް ލިބިފަ އެވެ. ފޮރެސްޓަށް ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.