ޚަބަރު

ޙައްޖުވެރިންގެ 2 ވަނަ ގްރޫޕް ރާއްޖެ އަންނަ ފްލައިޓް ލަސްވެއްޖެ


ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ 2 ވަނަ ގްރޫޕް ރާއްޖެއައުމަށް ހަމަޖެހިފައިވާ ފްލައިޓް ލަސްވެއްޖެއެވެ.

ކުރިން މި ފްލައިޓް އައުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު 12:25 ގައެވެ. ނަމަވެސް މިހާރު މި ފްލައިޓް ރާއްޖެއައުމަށް ހަމަޖެހިފައިވަނީ 14:55 ގައި ކަމަށް ޙައްޖު ކޯރޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.

މި ފްލައިޓުން ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ 316 ޙައްޖާޖީން ރާއްޖެ އަންނާނެއެވެ. މީގެ އިތުރުން އަލް ޙަރްމައިން ގްރޫޕްގެ ހަވާލުގައި ޙައްޖަ ދިޔަ މީހުންވެސް މިއަދު މެންދުރުފަހު 15:00 ގައި ރާއްޖެ އައުމަށްވަނީ ހަމަޖެހިފައިއެވެ.

tw:https://twitter.com/Hajjcorporation/status/777744237219684352

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މިއަހަރު ރާއްޖެއިން މައްކާއަށް ދިޔަ ހައްޖުވެރިން ދަތުރު ނިންމާލުމަށްފަހު ރާއްޖެ އަންނަ ފަށާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 2،000 މީހުން ޙައްޖަށް ގޮސްފައިވެއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާއިން ޙައްޖު ކޯޓާ، ކޮންޓްރޯލް ކުރައްވަން ފެއްޓެވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޙައްޖުވުމަށް ދިޔަ ފުރަތަމަ ފަހަރެއެވެ.

މީގެތެރެއިން 1،000 މީހުން ޙައްޖަށް ދިޔައީ، ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައެވެ. ބާކީ 1000 މީހުން ދިޔައީ އަމިއްލަ 5 ޖަމާޢަތެއްގެ ޙަވާލުގައެވެ.

މިއަދު ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ދިޔަ މީހުންގެ 2 ވަނަ ގްރޫޕް މިއަދު ރާއްޖެއައުމަށް ހަމަޖެހިފައިވާއިރު، ހައްޖު ކޯރޕަރޭޝަންގެ 3 ވަނަ ގްރޫޕް ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި ޙައްޖު ކޯރޕަރޭޝަންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އަންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

ދިވެހި ޙައްޖާޖީންނަށް ފަސޭހަކަމާއެކު މުދާ ކްލިއަރ ކުރޭވެނެ އިންތިޒާމް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ވަނީ ހަމަޖައްސަވާފައެވެ.