ތިމާވެށި

ފަރަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމަށް 5 ދުވަސް ހޭދަވާނެ


ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ އާގުބޯޓުގެ ސަބަބުން އެރަށުގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެއްލެވުމަށް ހައްދަވާ އެސެސްމަންޓު ނިންމެވުމަށް 5 ދުވަސް ހޭދަވާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

މިދިޔަ އޯގަސްޓަމަހުގެ 13 ވަނަ ދުވަހު ފުވައްމުލަކު ފަރަށް އެރި މިބޯޓު ފުންކޮށްފައިވަނީ މަހަކަށްވުރެ ގިނަ ދުވަސްވީ ފަހުން މިމަހުގެ 15 ވަނަ ދުވަހުއެވެ. 

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭގެ، ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ބޯޓު ފަރަށް އެރުމާ ގުޅިގެން ތިމާވެށީގެ ގޮތުން ލިބުނު ގެއްލުންތައް ބެއްލުވުމަށް މިހާރު އެސެސްމަންޓު ހެއްދެވުމަށް އީޕީއޭގެ ޓީމެއް ފުވައްމުލަކުގައި ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަޢީމް ވިދާޅުވީ، އެސެސްމަންޓު އެއްކޮށް ނިންމަވާލެއްވުމަށް 5 ދުވަސް ހޭދަވާނެ ކަމަށާއި މިދުވަސްވަރު ފުވައްމުލަކުގެ މޫސުން އެހާ ރަނގަޅު ނޫންކަމަށެވެ. އަދި އެސެސްމަންޓަށްފަހު، ތެލުގެ އަސަރުކޮށްފައި ހުރި މިންވަރާއި، ހިލަވެލި މޫދަށް އެޅުމުން ލިބުނު ގެއްލުން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެށީގެ ގޮތުން ފަރަށް ލިބުނު ގެއްލުންތައް ބައްލަވަނީ އީޕީއޭއާއި އެމްއެންޑީއެފްގެ ޓީމެއް ގުޅިވަޑައިގެން ކަމަށް އީޕޭއޭއިން ވިދާޅުވެއެވެ.

ވިއެޓްނާމްގެ ''އެމްވީ އެން.ޖީ.އޯސީ.ސަން'' ނަމަކަށް ކިޔާ މިބޯޓު ފުވައްމުލަކު ފަރަށް އަރާފައިވަނީ ފުވައްމުލަކުގެ ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ހިފައިގެން އައިސް އެރަށަށް ކައިރި ކުރަނިކޮށެވެ. ފަރަށް އެރި ވިއެޓްނާމްގެ މި ބޯޓަކީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި ބޯޓެކެވެ. މިއީ ގާތްގަނޑަކަށް 5000 ޓަނުގެ ބޯޓެކެވެ.