މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ހުޅުވައިފިއެވެ.
މިފިހާރަ ހުޅުވާފައިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
އައިނު ހެއްދުމަށް އާންމުންގެ އަތުން ކުރަމުން ދިޔަ ބޮޑު ހޭދަ ނިމުމަކަށް ގެންނަވާ، ސަރުކާރުގެ މައި ހޮސްޕިޓަލް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މާލެއާއި އަތޮޅުތަކުގައި ކުޑަ އަގެއްގައި އައިނު ހެއްދޭނެ އިންތިޒާމު އަންނަނީ ހަމަޖައްސަވަމުންނެވެ. މިފަދަ 4 ވަނަ އައިނު ފިހާރަ މިވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުޅުވާފައެވެ. މި ކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އައިނު ފިހާރަ ހުޅުއްވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. އަދި މިރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ މިއަދު މިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވާފައި. މިހާރު މާލޭގެ އިތުރުން ރާއްޖޭގެ އުތުރުގައާއި ދެކުނުގައި،… pic.twitter.com/2QUlwY39HG
— Haleem (@22halex) February 17, 2026
މިއައިނު ފިހާރައާއެކު އާސަންދައިގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން އައިނު ހެއްދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އާސަންދަ މެދުވެރިކޮށް އައިނު ހެއްދުމަށް ކޮންމެ ދެ އަހަރަކުން އެއްއަހަރު ކަވަރ ކުރާ މިންވަރު 2000 ރުފިޔާއަށް ބޮޑުކޮށްދެއްވައި، ސަރުކާރުގެ މައި ހޮސްޕިޓަލުން އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ ގިނަ ރައްޔިތުންގެ ދުވަސްވީ ކަންބޮޑުވުމަކަށް ނިމުން ގެނުވި ކަމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގާތްގަނޑަކަށް 12900 އަށްވުރެ ގިނަ މީހުން ލޯ ދައްކާފައިވާއިރު، އޭތެރެއިން 12000 އަށްވުރެ ގިނަ މީހުން ވަނީ އައިނު ހައްދާފައެވެ.
މާލެ ސަރަޙައްދުގައި އައިޖީއެމްއެޗު އަދި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ އައިނު ފިހާރަ ހުޅުވާފައެވެ. އަދި މިހާރު އައްޑޫ ސިޓީ އިކުއެޓޯރަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ވަނީ އައިނު ފިހާރައެއް ހުޅުވާފައެވެ.
އައިނު ހެއްދުމަށް ބޮޑު ޑިމާންޑެއް އޮތްއިރު، ޚިދުމަތް އަވަސް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.