ޚަބަރު

އެމްއެންޔޫއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއް


  • ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހަމޖެހިފައިވޭ

  • ފައުންޑޭޝަންގެ ދަށުން މަޢުނަވީގޮތުން އެމްއެންޔޫއަށް އެހީތެރިކަން ފޯރުކޮށްދޭނެ

މަތީ ތަޢުލީމު ހިމެނޭހެން އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މައުމޫން ފައުންޑޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗެއަރމަން އަޙްމަދު ފާރިސް މައުމޫނެވެ.

ދަ މައުމޫން ފައުންޑޭޝަނުން ވިދާޅުވީ، މި ފަހުމުނާމާއަކީ ދަ މައުމޫން ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެ ބައެއްގެ ދާއިރާއާއި ގުޅޭގޮތުން އެއްފަރާތުން އަނެއް ފަރާތައް އެއްބާރުލުމާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ފަހުމުނާމާއެއް ކަމަށެވެ. މިފަހުމުނާމާގައި މީގެފަހުން ދަ މައުމޫން ފައުންޑޭޝަނަށް ކިޔާނީ، "ފައުންޑޭޝަން"އެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ކިޔާނީ "އެމް.އެން.ޔޫ"އެވެ.

ދަ މައުމޫން ފައުންޑޭޝަނުން ވިދާޅުވީ، މި ފަހުމުނާމާގެ މަޤުސަދަކީ ފައުންޑޭޝަނުން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކާ ކުރިއަށް ގެންދާ މަޝްރޫޢުތަކާއި މަސައްކަތްތަކުގައި އެމްއެންޔޫގެ އެއްބާރުލުމާއި ބައިވެރިވުން ކަށަވަރު ކޮށްދިނުމާއި، އަދި އެދާއިރާތަކުން އެމްއެންޔޫއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ފަހުމުނާމާގެ ދަށުން ފައުންޑޭޝަންގެ ފަރާތުން އެމްއެންޔޫއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި، އެމްއެންޔޫއިން ކުރިއަށް ގެންދާ ފައުންޑޭޝަނުގެ ފަރާތުން ބައިވެރިވެ ފަންނީ އަދި މަޢުނަވީގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އެމްއެންޔޫގެ ފަރާތުން ހިންގާ ކޯސްތަކަށް ދަރިވަރުން ފޮނުވުމާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ލިޔުއްވާފައިވާ ތަފާތު އެކިއެކި ފޮތްކޮޅުތައް އެމްއެންޔޫގެ ލައިބްރަރީތަކަށް ހަދިޔާ ކުރުން ހިމެނެއެވެ.

މީގެ އިތުރުން އެމްއެންޔޫއިން ކުރިއަށް ގެންދާ ދީނީ އަދި އިޖްތިމާޢީ ކަންކަމުގައި ފައުންޑޭޝަންގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމްއެންޔޫގެ ފަރާތުން ފައުންޑޭޝަނަށް އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ.

މި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި، ފައުންޑޭޝަންއިން ކުރިއަށްގެންދާ ދީނީ އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގައި އެމްއެންޔޫގެ ފަރާތުން ފައުންޑޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ފައުންޑޭޝަންގެ ފަރާތުން ކުރިއަށްގެންދާ ރަމަޟާން މަހުގެ ދުވަސްތަކާއި، ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމްގެ ޖަލްސާތަކަށް ދަރިވަރުން ފޮނުވައިދިނުމާއި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ލިޔުއްވާފައިވާ ތަފާތު އެކިއެކި ފޮތްކޮޅުތައް އެމްއެންޔޫގެ ލައިބްރަރީތަކުން ޢާއްމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ދީނީ އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގައި އެމްއެންޔޫގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ދަ މައުމޫން ފައުންޑޭޝަނުން ވިދާޅުވިއެވެ.

މީގެއިތުރުން ފައުންޑޭޝަންގެ ފަރާތުން އިޢުލާން ކުރާ ތަފާތު ސްކޮލަރޝިޕް ޕްރޮގަރާމްތަށް ފަރުމާކުރުމާއި، ތަންފީޒު ކުރުމުގައި ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފައުންޑޭޝަންގެ ޑިޖިޓަލް އާރކައިވްއާއި ލައިބްރަރީ އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.