2026ވަނަ އަހަރު ބަރަކާތްތެރި ރަމަޟާން މަސް ދުނިޔޭގެ ބައެއް ޤައުމުތަކަށް ފެބުރުވަރީ 18ގައި ފެށިފައިވާއިރު އަނެއްބައި ޤައުމުތަކަށް މި ފެށެނީ ފެބުރުވަރީ 19ވަނަ ދުވަހުއެވެ. ހަނދު ފެނުމުގެ މައްޗަށް ބިނާކޮށް ފެށޭ މި މާތް މައްސަރުގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުން ރޯދަ ހިފާ ވަގުތުގެ ދިގުމިން ތަފާތުވާނެއެވެ. އަދި، ރޯދައަށް ތިބެންޖެހޭ ވަގުތުގެ ދިގުމިން ގާތްގަނޑަކަށް 11.5 ގަޑިއިރާއި 15.5 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ދެމިގެންދާނެއެވެ.
ހިޖުރީ ގޮތުން 1447ވަނަ އަހަރުގެ ރަމަޟާން މަސް ދިމާވަނީ އުތުރު ހެމިސްފިއަރ ނުވަތަ ދުނިޔޭގެ ދެ ތަނޑިން އެއް ދުރުމިނެއްގައި ވަށައިގެން ދަމާފައިވާ ޚިޔާލީ ރޮނގު، އެކުއެޓަރގެ އުތުރު ބިތުގެ ޤައުމުތަކަށް ފިނި މޫސުމާއެވެ. މާނައަކީ، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ރޯދައަށް ތިބެންޖެހޭ ވަގުތު ނުވަތަ ދުވާލުގެ ވަގުތު ކުރުވާނެއެވެ. މިގޮތުން މަސް ފެށޭއިރު އެ ޤައުމުތަކުގެ ރައްޔިތުން ރޯދައަށް ތިބެންޖެހޭ ވަގުތު ހުންނާނީ ގާތްގަނޑަކަށް 12 ގަޑިއިރާއި 13 ގަޑިއިރާ ދެމެދުގައެވެ.
ނަމަވެސް، ދެކުނު ހެމިސްފިއަރ ނުވަތަ ދެކުނު ބިތުގެ ޤައުމުތައް ކަމުގައިވާ ޗިލީ، ނިއު ޒިލެންޑް އަދި ދެކުނު އެފްރިކާ ފަދަ ޤައުމުތަކުގެ ރައްޔިތުން ރޯދައަށް ތިބެންޖެހޭ ވަގުތު އެއަށްވުރެ ދިގުވާނެއެވެ. އެ ޤައުމުތަކުގައި ރޯދަ މަހުގެ ކުރީކޮޅު ރޯދައަށް ތިބެން ޖެހޭ ވަގުތު ގާތްގަނޑަކަށް 14 ގަޑިއިރާއި 15 ގަޑިއިރަށް ދެމިގެންދާނެ ކަމަށާއި، ނަމަވެސް މަސް ނިމެމުންދާ ވަަރަކަށް މި ވަގުތު ކުރުވަމުންދާނެ ކަމުގައި ޢިލްމުވެރިން ބުނެއެވެ.
އިސްލާމީ ކަލަންޑަރަކީ ހަނދުގެ މަސްތަކަށް ބިނާވެފައި އޮތް ކަލަންޑަރެއް ކަމުގައިވާއިރު، މީލާދީ އަހަރާ އަޅައިބަލާއިރު ހިޖުރީ އަހަރު 11 ދުވަސް ކުރުވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަމަޟާން މަސް ފެށޭ ތާރީޚު 10 ނުވަތަ 12 ދުވަސް އަވަސްވެއެވެ.
މި ބަދަލުތަކުގެ ސަބަބުން 2030 ވަނަ އަހަރު ދުނިޔޭގެ މުސްލިމުންނަށް ވަރަށް ތަފާތު ތަޖުރިބާއެއް ކުރެވޭނެއެވެ. އެއީ އެ އަހަރު ދެ ފަހަރަށް ރަމަޟާން މަސް އައުމެވެ. ފުރަތަމަ ފަހަރަށް ޖަނަވަރީ މަހު އަދި ދެވަނަ ފަހަރަށް ޑިސެންބަރު މަހު ރަމަޟާން މަހާ ކުރިމަތިވުމެވެ.