ޚަބަރު

ސިނަމާލެއާއި މާލެހިޔާ ފްލެޓުތަކުގެ ޖޫރިމަނާ މަޢާފުކޮށް، އިނާޔަތެއް ދެނީ


  • ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތް ދޭނެ

  • މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައި

މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ޚާއްސަ އިނާޔަތްތަކެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމައިވަފިއެވެ.

ތަފާތު ސަބަބުތަކާ ހުރެ މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މަޢާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެކަން އެގޮތަށް ކުރަން މާލެ ސިޓީ ކައުންސިލަށް އެމަނިކުފާނު އެންގެވީ އެ މަހުގެ 7 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި މިއަދު ހަވީރުއެވެ.

މި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައެވެ.

މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ރައީސް ނިންމެވި މުހިންމު ކަންކަން:

• އެކި ސަބަބުތަކާ ހުރެ މި ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދިނުން.

• ސްޓްރަކްޗަރ ހަލާކުވެފައިވާތީއާއި އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދިނުން.

• އިނާޔަތް ދޭއިރު، ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާއަށް ވުރެ ކުޑަ ނަމަ އެ އަދަދެއް މާފު ކުރުމަށް ފަހު، އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ.

• ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށްވެސް ރައީސް ނިންމެވި.

• ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރައްޔިތުންގެ ހިޔާލާއި އިހުސާސްތައް ރައީސް މުއިއްޒު އަޑުއެއްސެވި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ، ހަލާކުވަމުންދާ މައްސަލައަކީ އެތަނުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ބޮޑު ކަންބޮޑުވުމެއްކަމަށާއި، އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުން އެ އިމާރާތްތައް އަލުން ތަރައްޤީކުރުމަށް ރައީސް ޑރ. މުޢިއްޒު ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރައީސް މާލެ ސިޓީ މޭޔަރ ކަމުގައި ހުންނެވި ދުވަސްވަރުވެސް އެތަން މަރާމާތުކުރުމަށް މަސައްކަތް ވަނީ ކޮށްފައެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުމުގެ ސަބަބުން އެ މަސައްކަތްވަނީ ނުކުރެވިފައެވެ.