ޚަބަރު

ދ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފައްޓަވައިދެއްވީ ވަޒީރު މުޙައްމަދު އަމީން

  • ފުރަތަމަ ކުރާނީ ރައްޔިތުން އަހުލުވެރިކުރުވާ ދަތުރުތަކެއް

  • 3 ރޫޓަކަށް ދަތުރުތައް ބާއްވާނެ

ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އެކަމަށްޓަކައި ދ. މީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުއާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ(ރޓ) އަޙުމަދު ސަޢުދީއާއި، އެކުންފުނީގެ އިސްވެރިންގެ އިތުރުން، އެ އަތޮޅުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.

އާރްޓީއެލްގެ ޚިދުމަތް ދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. އެމްޓީސީސީން ވިދާޅުވީ، މި އަތޮޅުގައި ޚިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފްތާގައި ކުރިއަށްދާނީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ބާއްވާ ހިލޭ ދަތުރުތަކެއް ކަމަށެވެ.

މި އަހުލުވެރިކުރުވުމުގެ މުއްދަތަށްފަހު، މިމަހުގެ 25 ވާ ބުދަ ދުވަހުން ފެށިގެން ދަތުރުތައް ކުރިއަށްދާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބަލައިގަތުމުގެ އިންތިޒާމު އާރްޓީއެލް ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ހަމަޖެހިފައިވާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ވިދާޅުވީ، ދ. އަތޮޅުގައި ޖުމުލަ 3 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ އަތޮޅު ތެރޭގައި ދަތުރުތައް ކުރާ 2 ރޫޓުގެ އިތުރުން ދ. އަތޮޅާއި ފ. އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. މި ދެ އަތޮޅު ގުޅާލަދޭ ދަތުރުތައް ކުރާނީ ފ. ނިލަންދުއާއި ދ. މީދޫއާ ދެމެދުގައެވެ. އަދި މި ޚިދުމަތް ދިނުމަށް ޖުމުލަ ދެ ފެރީ ބޭނުންކުރާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

ޒޯން 4 ގައި ހިމެނޭ ތ. އަތޮޅުގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު، ދ. އަތޮޅާއެކު ރާއްޖޭގެ 13 އަތޮޅަކަށް މިހާރު ވަނީ އާރްޓީއެލްގެ ޚިދުމަތް ފުޅާވެފައެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން މި އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ކުޑަ އަގެއްގައި އަދި އަރާމުކޮށް ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމެވެ. 2022 ވަނަ އަހަރު ފެށި މި ޚިދުމަތަކީ ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދާ ކާމިޔާބު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.