ޚަބަރު

އަނބި/ފިިރިމީހާގެ ބޯހިޔާވަހިކަމެއް އޮތްނަމަވެސް ގޯއްޗަށް ލެވޭ ކެޓަގަރީއަށް މާރިޗުގައި ހުޅުވާލަނީ


  • މި ކެޓަގަރީ އިތުރުކުރާނެކަން އިޢުލާނުކުރެއްވީ ރައީސްގެ ރިޔާސީ ބަޔާނުގައި

  • ވަޒީރު ވިދާޅުވީ މިކަމާގުޅޭ އުޞޫލު ތައްޔާރުކުރަމުންދާ ކަމަށް

  • އުސޫލު އަންނަ ހަފްތާގައި އާއްމުކުރުމަށް ދަނީ މަސައްކަތްކުރަމުން

ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް އަލަށް އިތުރުކުރި 2 ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މާރިޗު މަހުގެ ތެރޭގައި ފޯމު ހުށައެޅުމަށް ހުޅުވާލާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހުޅުވާލެއްވުމަށް ނިންމެވި މި ފުރުޞަތަކީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށްކަމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލިވޭނެ ކެޓަގަރީއަކާއި އަދި ބިންވެރިޔާ ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެންމެން ބިން ދޫކޮށްލާގޮތަށް ވަކިން ހުށައެޅޭނެ ކެޓަގަރީއެއް އިޢުލާނުކުރުމަށް ނިންމާފަވާކަމަށެވެ. މިއިން ކޮންމެ ދާއިރާއަކުން 1000 ގޯއްޗަށް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.

މިކަމުގެ ތަފްސީލު ޙިއްސާލުރައްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.މުޠަލިބް ވިދާޅުވީ، މި ކެޓަގަރީތަކާއި ގުޅޭ އުސޫލުގައި ހިމަނާނެ ޝަތުރުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައާޅާ، އުސޫލު ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މި ކެޓަގަރީގައި، އަނބިމީހާ/ފިރިމީއަށް ކުރިން ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ނަމަވެސް ކުރިމަތިލެވޭނެއެވެ.

"ރޯދަ މަހުގެ ކުރިން އުސޫލު އާއްމު ކުރެވޭތޯ މަސައްކަތްތައް މި ގެންދަނީ. މަރިޗުމަހުގެ ކުރީކޮޅު ފޯމު ހުށައެޅުމަށް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުން. މީގެ މުޅި ވިސްނުމަކީ ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުޞަތު ހޯދައިދިނުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޖޮއިންޓްކޮށް މީގެ ކުރިން ފްލެޓް ލިބިފަވާ ދެމަރިން ނަމަ، އެކަމުގައިވެސް ކަން ކުރެވޭނެ ގޮތެއް ބަލަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ ބިންވެރިޔާ ސްކީމްގައި ޖޮއިންޓްކޮށް ގޯތި ލިބިފަވާ މީހުންނަށް، އެންމެން އެއްބަސްވާނަމަ ވަކިން ހުށައަޅަން ފުރުޞަތު ދީފައިވަނީ، އާއިލީ އިޖުތިމާޢީ މައްސަލަތައް ކުޑަކުރުމަށްކަމަށެވެ. ވަޒީރު ވިދާޅުވީ ޖޮއިންޓްކޮށް ލިބުނު ބިން އެއްކޮށް ދޫކޮށްލާގޮތަށް ކަނޑައެޅި، އެހެން ނޫންނަމަ ދޫކޮށްލާ ކުދި ބޮންކޮޅުގެ އެކަށީގެންވާ ބޭނުން ނުހިފޭނެތީކަމަށެވެ.

"އޭރު ބުނެފަވަނީ ޖޮއިންޓްކޮށް ލީމައޭ ފުރުޞަތު ބޮޑީ ގޯތި ލިބުމުގެ. މައްސަތައް ކުރިމަތިވިނަމަވެސް، އެހެންވީމަ ގިނަ ބަޔަކު އެގޮތަށް ލީ. ނަމަވެސް އިޖުތިމާޢީ ހަމަޖެހުމަށް ބަލާ، ކޮންމެ އާއިލާއަކަވެސް ވަކިން ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ހޯދައިދިނުން މި ކެޓަގަރީގެ ބޭނުމަކީ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިޢުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16ވަނަ ދުވަހުއެވެ.

މީގެދަށުން ރަސްމާލެއިން 15000 ގޯއްޗާއި، 7900 ފްލެޓް ދޫކުރުމަށް ހުޅުވާލިއެވެ. މީގެތެރޭގައި ހިމެނެނީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއާއި އަދި ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށް ކަނޑައަޅާފައިވާ "ޚާއްސަ ކެޓަގަރީ" ތަކެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.