ތަރައްްޤީ

ފަތުރުވެރިކަމަށް ޚާއްސަ ޒޯނެއް ހުޅުމާލޭގައި ތަރައްޤީކުރަނީ


ހުޅުމާލޭ ތަރައްޤީކުރުމުގެ ޕްލޭންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެންމެ މުހިއްމު އެއް މަޝްރޫޢަކީ، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހުންނަ ފަދަ އަރބަން ޓޫރިޒަމް ސެންޓަރެއް ޤާއިމުކުރުމެވެ. ގެސްޓް ހައުސްގެ ވިޔަފާރީގެ އިތުރުން، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހިން ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން އަރބަން ޓޫރިޒަމް ސެންޓަރެއް ތަރައްޤީކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ގެސްޓް ހައުސް ޑިވެލޮޕްމަންޓާ އެއްކޮށް، ޢުމްރާނީގޮތުންނާއި، އިޤްތިޞާދީ ގޮތުން ހުޅުމާލޭގެ ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށެވެ. ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އަރބަން ޓޫރިޒަމް ސެންޓަރަށް އިޝާރާތްކުރައްވަމުން، ސައިމަން ވިދާޅުވީ، ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ މި ޒޯންގައި އެކި ފަންތީގެ ފަތުރުވެރިންނަށް ޚާއްޞަ، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން، ސަރވިސް އެޕާޓްމަންޓް ހިމެނޭނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/14613356677461.jpg|ހުޅުމާލެ ތަރައްޤީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް / ފޮޓޯ: އެޗްޑީސީ

"ހުޅުމާލޭ ފޭސް 2 ގައި އެބަ ތަރައްޤީކުރަން ޓޫރިޒަމް ވަކި ޒޯނެއް. އެތަނުގައި ހިމެނޭނެ އެކިއެކި ހޮޓާ. އެކިއެކި ގިންތީގެ އެކިއެކި ފަންތީގެ ޓޫރިސްޓުންނަށް ޚާއްސަކުރެވިގެން އަންނަ އެކިއެކި ޓޫރިސްޓް ފެސިލިޓީޒް. އޭގެ ތެރޭގައި ސްމޯލް އަދި ލާޖް ސްކޭލްގެ ހޮޓެލް، އަދި ގެސްޓްހައުސް، އަދި ސަރވިސް އެޕާޓްމަންޓް ހިމެނޭނެ. ސަރވިސް އެޕާޓްމަންޓަކީވެސް އަރބަން ޓޫރިޒަމް ޕޮއިންޓް އޮފް ވިއުއިން އެކިއެކި ސިޓީތައް ޑިވެލޮޕްވެގެން އަންނައިރު ވަރަށް ރަނގަޅަށް ފެންނަ މަންޒަރެއް. ހަމައެކަނި ހޮޓަލެއްގެ ސިފައިގައި އޮޕަރޭޓްކުރުމުގެ އިތުރުން މިހާރު ހޮޓެލް ޗެއިންތަކުން، އިންޓަރނޭޝަނަލް ހުރިހާ ބްރޭންޑްތަކުންހެން ސަރވިސް އެޕާޓްމަންޓްތައް އެބަ އޮޕަރޭޓްކުރައްވާ" ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ޓޫރިޒަމް ޒޯނެއްގެގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 30 ހެކްޓަރުގެ ބިމުގައި ވެލްނެސް ސެންޓަރތަކާއި، އެކިއެކި އެފް.އެން.ބީ އައުޓްލެޓްތަކުގެ އިތުރުން ބްރޭންޑެޑް ޝޮޕިންގ އައުޓްލެޓްސްތައް ހިމެނޭހެން ޝޮޕިންގް ފެސިލިޓީޒްތައްވެސް ޤާއިމުކުރެވޭނެކަމަށެވެ. އަދި ފަތުރުވެރިންނަށް ބޭނުންވާ މުހިއްމު ޚިދުމަތްތައް އެއްތަނަކުން ލިބޭނެގޮތް ތަނަވަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އެކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމަށް ޤަބޫލުކުރައްވާކަމަށް ސައިމަން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14613359179416.jpg|ހުޅުމާލެ 2 ވަނަ ފިޔަވަހި ތަރައްޤީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުމެއް - ފައިލް ފޮޓޯ: އެޗްޑީސީ

"މި ހުރިހާ އެއްޗެއް އެއްތަނެއްގައި 30 ހެކްޓަރުގެ ތެރޭގައި އޮވެއްޖެޔާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މާކެޓް ފޯރސަސް ޕުޝްކުރަން އަބަދުވެސް އުޅޭނެ މިދަންނަވާ ޓޫރިޒަމް ޒޯނަށް ޓޫރިސްޓުން ގިނައިން ދާން. މިދަންނަވާ އިންޓަރގްރޭޑެޓް ޑިވެލޮޕްމަންޓް ޕްލޭން މިއޮތްގޮތަށް ސިންގަޕޫރުގައިވެސް އެބައޮތް ސެންތޯޒާ ކިޔާ އޭރިއާއެއް ޓޫރިޒަމަށް ޚާއްޞަ ވަކި ސަރަޙައްދެއް. އެތަނުގައިވެސް އެބަހުރި ހުރިހާ ވައްތަރެއްގެ ހޮސްޕިޓޭލިޓީ ފެސިލިޓީޒް" ސައިމަން ވިދާޅުވިއެވެ.

އާރބަން ޓޫރިޒަމް ސެންޓަރެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް އެޗް.ޑީ.ސީއިން ނިންމާފާއިވާއިރު، ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން ޔޮޓްމެރީނާއަކާއި، ކްރޫޒް ޓަރމިނަލެއް ތަރައްޤީކުރުމުގެ މަސައްކަތް އެޗް.ޑީ.ސީގެ ފަރާތުން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.