ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށް އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފަވަނީ 58 ޕޮއިންޓެވެ. ވެލެންސިއާ އަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.
ވެލެންސިއާގެ މަސްޓެއްލާ ސްޓޭޑިއަމްގައި ސާޅީސް ހަތްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ޖެހިފައިނުވި ނަމަވެސް ރެއާލް މެޑްރިޑަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސް ވެފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ވެލެންސިއާގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި އަލްވާރޯ ކަރެރާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ފުރަތަމަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއެކު އޭނާ މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 38 އަށް އަރާފަ އެވެ. އޭގެ ތެރެއިން 23 ލަނޑަކީ ލަލީގާ ގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ.
ރެއާލް މެޑްރިޑްގެ އިނގިރޭސި ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑް އަށް ލިބުނު އަނިޔާއަށްފަހު އޭނާ ވަނީ ދެމަސް ދުވަހު ކުޅުމާއި ދުރުގައި ހުރެފައި މިމެޗުގައި އަލުން ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.