ކުޑަކުދިން ކީރިތި ޤުރްއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަޞްރު ޖަމްޢިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މި ކުލާސްތަކުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ބުދަދުވަހުއެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި ވަނީ ހުރިހާ ޖާގައެއް ހަމަވެފައެވެ. 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން ކްލާސްތަކުގައި ބައިވެރިވެފައިވާކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ. މިހާރު ވަނީ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ބަންދުކޮށްފައެވެ.
އެޗްޑީސީއިން ވިދާޅުވީ މިއީ، ހުޅުމާލޭގައި ޤުރްއާން ކްލާސްތައް ކުރިއަށްގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަޞްރު ޖަމްޢިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކްލާސްތަކެއްކަމަށެވެ.
އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އެކި މިސްކިތްތަކުގައި، ހަފްތާއަކު ފަސް ދުވަހު، ކޮންމެ ދުވަހަކު ހަތަރު ޤުރްއާން ސެޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ކްލާސްތައް ކުރިއަށްގެންދާނީ ހެނދުނާއި ހަވީރަށް ބަހާލައިގެން، އަންހެން އަދި ފިރިހެން ކުދިންނަށް ވަކިންނެވެ.
ކްލާސްތަކުގައި ޤުރްއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ތަމްރީންކުރުން ކުރިއަށްގެންދާނީ އަލް އަޞްރު ޖަމްޢިއްޔާގެ ފަރާތުންނެވެ. އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން އަލް އަޞްރާއެކު ސޮއިކުރި އެއްބަސްވުމުގެ މަޤްޞަދަކީ، ދީނަށް ލޯބިކުރާ މުޖްތަމަޢެއް ބިނާކުރުމެވެ. އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމަޢުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އަމާޒެއްކަމަށް އެޗްޑީސީން ވިދާޅުވިއެވެ.