ތަރައްްޤީ

ގަން އެއަރޕޯޓުގެ ރަންވޭގެ އަންނަ މަހު ރަސްމީކޮށް ހުޅުވަނީ


ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ނިންމާ، އަންނަ އޮކްޓޯބަރު މަހު އެތަން ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓުން ބުނެފިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހިކަމަށްވާ ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާ، މިހާރު އެންމެ ބާރު މިނުގައި ކުރަމުންދާ މަސައްކަތަކީ އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށް، މަރާމާތުކުރުމުގެ މަސައްކަތެވެ.. އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ގަމު އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދާ 2200 މީޓަރު ދިގު ރަންވޭއަށް 960 މީޓަޒު ވަނީ އިތުރުކޮށްފައެވެ. ރަންވޭގެ މަސައްކަތް ނިމުމުން ބޮއިންގް 777 މަރުކާގެ ކޯޑް އީ ގެ އެއަރކްރާފްޓްތަކަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓުން ހާމަކުރެއެވެ.

ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ، ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ރަންވޭ ރަސްމީކޮށް ހުޅުވުމުގެ ކުރިން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކަމަށާއި، އަންނަ އޮކްޓޯބަރުމަހުގެ މެދެއްހާތާނގައި ރަންވޭ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށެވެ. އިބްތިޝާމާ ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރުމުގެ އިތުރުން، ގަމުގައި ހޮޓެލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގުމަށްވެސް އެކުންފުނިން މިހާރު ތައްޔާރުވަމުން އަންނަކަމަށާއި، އެކަމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ރަންވޭ އޮޕަރޭޓްކުރުމަށް ބޭނުންވާ ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓްސް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14714248604866.jpg|އިބްތިޝާމާ އަޙްމަދު ސަޢީދު، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ / ފޮޓޯ: ޕީއެސްއެމް

"މުޅި ޖުމްލަ އަޅުގަނޑުމެންނަށް މިހާތަނަށް ޚަރަދުކުރެވިފައިވާނެ 45 މިލިއަން ޑޮލަރު. ކުރިއަށްދެން އޮތީ ފޭސް 3. އެއީ އިކުއިޕްމަންޓް އަޕްގްރޭޑްކުރަން އެބަޖެހޭ. އިކުއިޕްމަންޓް އަޕްގްރޭޑަށްވެސް 10 ވަރަކަށް މިލިއަން ޑޮލަރު ހަރަދުވާނެކަމަށް އަޅުގަނޑުމެން އަންދާޒާމިކުރަނީ. އެހެންވީމަ ޕްރޮޖެކްޓް ކޯސްޓް މުޅިން ނިމޭއިރު އިންނާނެ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރަށް ވުރެއް ގިނަވެފައި. އޭގެ އިތުރުން އަޅުގަނޑުމެން ހަމަ މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާނެ ހޮޓެލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް. އޭގެވެސް ޕްރިމިލިނަރީ ވޯކްސް ވަނީ ނިމިފައި. އަޅުގަނޑުމެން މިހާރު ކޮންސެޕްޓް ޑިޒައިންކުރުމުގެ ޕްރޮސެސްގައި މިއުޅެނީ" އިބްތިޝާމާ ވިދާޅުވިއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޙަރަދުވާއިރު، އެތަނުގައި މިހާރު ބޭނުންކުރާ ޓަރމިނަލް ފުޅާކުރާނީ ޑިމާންޑް އޮތް މިންވަރަކަށް ބެލުމަށްފަހު ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓް ބުނެއެވެ. މީގެ އިތުރުން، އައްޑޫ ސިޓީގައި ޒަމާނީ ފެންވަރުގެ ސީ ޕްލޭން ބޭސްއެއް ތަރައްޤީކޮށް، އޮޕަރޭޓްކުރުމަށް ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީ.އެމް.އޭއާ އެކުންފުނިން ވަނީ ހަވާލުކޮށްފައެވެ.