ޚަބަރު

ސްޕޯޓްސް ފިޝިންއާއެކު އަމިއްލަ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް


  • ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ 5 ސަރަހައްދެއް ކަނޑައަޅާފައިވޭ

  • ކެފޭ ރެސްޓޯރަންޓާއި، ލޯންޗު ދަތުރު ކުރާ ފަރާތްތަކަށް ބޮޑެތި ފައިދާތަކެއް ލިބޭނެ

  • މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެ

ސްޕޯޓްސް ފިޝިން ފުޅާވެގެން ދިޔުމުން އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ މުޙައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ވިދާޅުވީ، ސްޕޯޓްސް ފިޝިން ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ފެއްޓެވި ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

ސްޕޯޓްސް ފިޝިންއަކީ މުޅި ދުނިޔޭގައިވެސް ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މަސައްކަތެއްކަމަށާއި، ރާއްޖޭގައި މި ދާއިރާ ތަރައްޤީވެގެންދިއުމަކީ މަސްވެރިކަމާއި، ފަތުރުވެރިކަމަށް ލިބޭ އިތުރު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް ސްޕޯޓްސް ފިޝިންގެ ބޮޑު ކޮމިއުނިޓީއެއްއޮތްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާ ރާއްޖޭގައި އިތުރަށް ތަރައްޤީކުރެވުމުން އާންމު ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާ އަކީ ވިޔަފާރި އުސޫލުން އެ މަސައްކަތް ކުރެވޭނެ މަގުފަހިވުންކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މިކަމުން އާންމު ރައްޔިތުންނަށް ލިބޭނެ ފައިދާއަކީ، އަޅުގަނޑުމެންގެ އެބައޮތް ވަރަށް ބޮޑު ސްޕޯޓްސް ފިޝިން ކޮމިއުނިޓީއެއް. އެހެންނަމަވެސް ވިޔަފާރި އުސޫލުން އެކަން ކުރިއެރުވޭނެގޮތެއް ނެތް. އަޅުގަނޑުމެން މިކުރާ ކަމަކީ, ޖެހިގެން އޮންނަ ރަށުގަ ސްޕޯޓްސް ފިޝިން ލޯންޗެއް ގެންގުޅޭ ފަރާތެއްވާނަމަ އެ ފަރާތަށް ކައިރި ރަށްތަކުގައި ތިބޭ ގެސްޓުން ގޮވައިގެން މަހަށް ދިއުމުގެ ފުރުސަތު ހޯދައިދިނުން. އަދި ގެންނަ ގެސްޓަށްވެސް އެރަށުގަ ހުރުމުގެ ފުރުސަތު ލިބުން. އަދި އެރަށުން ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ހުރިހާ ގިޔާއެއް ލިބޭނެ. ދޯންޏަށް ބޭނުންވާ ތެޔޮ ލިބޭނެ. އަދި އުޅަނދެއް މަރާމާތުކުރަން ބޭނުންވާ ވަސީލަތްތައްވެސް އެ ބަނަދަރުގައި ތަރައްޤީކުރެވިފައިހުންނާނެ". ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ސްޕޯޓްސް ފިޝިން ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން ވަދު ކަނޑުފަތިތައް އެޅުމާއި، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރާނެ 5 ސަރަޙައްދެއް ކަނޑައަޅާ އެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ބަނދަރުތައް ތަރައްޤީކުރަނީ، ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރުގައެވެ.

މި ބަނދަރުތައް ތަރައްޤީކުރަނީ، މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރެންޓް އަދި ކެފޭތަކާއި މަސްވެރިކަމާއި ގުޅޭ ތަކެތި ވިއްކާ އަދި ޚިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމްތަކާވެސްއެކުއެވެ. މިއީ އާންމު ރައްޔިތުންނަށް ވިޔަފާރި އުސޫލުން މި މަސައްކަތް ކުރެވޭނެ ފަހި ފުރުސަތެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.