ތިމާވެށި

ބ.އަތޮޅު - ރާއްޖޭގެ ހަމައެކަނި ބަޔޮސްފިއަ ރިޒާރވް


ބ.އަތޮޅު ސަރަޙައްދަކީ ޔުނެސްކޯ ބަޔޮސްފިއަ ރިޒާރވްއެއްގެ ގޮތުގައި ޙިމާޔަތްކޮށްފައި ރާއްޖޭގައި އޮންނަ ހަމައެކަނި ސަރަޙައްދެވެ. ބ.އަތޮޅުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވަނީ ހަނިފަރު ސަރަޙައްދަށެވެ. މިއީ ދުނިޔޭގެ އެންމެ ގިނަބަޔަކު މަންޓާރޭ ނުވަތަ އެންމަޑި ބަލަން ޒިޔާރަތްކުރާ އެއް ސަރަޙައްދެވެ.

ބ.އަތޮޅު ސަރަޙައްދު، ދުނިޔޭގެ ބަޔޮސްފިޔަ ރިޒާރވްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ ދެހާސް އެގާރަވަނަ އަހަރެވެ. ބަޔޮސްފިޔަ ރިޒާރވަކީ އެތަނެއްގައި ތަރައްޤީގެ މަޝްރޫޢުތައް ހިނގުމުގައި ދިރުންތަކާއި މާޙައުލަށް ގެއްލުން ނުވާނެ އަދި ދިރޭ ތަކެތީގެ ނަސްލާއި، އެތަކެތީގެ މާޙައުލު ޙިމާޔަތް ކުރެވި، އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތަކަކީވެސް ދެމެހެއްޓެނިވި އަދި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރެވޭ ކަންތައްތަކެއްކަން ޔަޤީންވެފައިވާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމަށް ބާރުއަޅާ ނިޒާމެކެވެ.

ބ.އަތޮޅުގެ 10 ސަރަޙައްދެއް ބަޔޮސްފިޔަ ރިޒާރވްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ އޮޅަގިރި، ދިލިހާ، މެންދޫ ރީޖަން، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ ސަރަޙައްދު، އަދި ގޮއިދޫ ސަރަޙައްދު ހިމެނެއެވެ. މި ތަންތަނުގެ ތެރެއިން އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރަނީ ހަނިފަރު ސަރަޙައްދަށެވެ. ހަނަފަރު ސަރަޙައްދަކީ، އެހެން ސަރަޙައްދުތަކާ ޚިލާފަށް ވަކިން ޚާއްޞަ އިސްކަމެއް ދީގެން ބަލަހައްޓާ ސަރަޙަދެކެވެ. މި ސަރަޙައްދުތައް ޙިމާޔަތްކޮށްފައިވަނީ ޔުނެސްކޯއިން ސައިންޓިފިކް ދިރާސާކޮށް، ބެލުމަށްފަހުގައެވެ.

ބ. އޭދަފުށިން ފުރައިގެން އިންޖީނު ދޯންޏެއްގައި ދިހަވަރަކަށް މިނިޓްތެރޭގައި ދެވޭ ހަނިފަރަކީ، ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން މަންޓާރޭ ނުވަރަ އެންމަޑި ބަލާލުމަށް ޒިޔާރަތްކުރާ އެއް ސަރަޙައްދެވެ.

އޭދަފުށީގައި ހުންނަ ބަޔޮސްފިޔަ ރިޒާރވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، ހަނިފަރު ސަރަޙައްދުން އެންމަޑިއާއި ފެހުރިހި ފެންނަނީ މޫސުމީ ގޮތެއްގައި ކަމަށެވެ. އެހެންކަމުން އެ ދުވަސްތަކާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެތަން ޒިޔާރަތްކުރާ ކަމަށެވެ. ޒިޔާރަތްކުރާ މީހުންގެތެރޭގައި ބ.އަތޮޅުގެ އެކި ރިސޯޓުތަކަށް ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތްކުރާ ފަތުރުވެރިން ގިނައެވެ.

img:http://s2.psmnews.mv/images/660x400/14739320021642.jpg|ހިމާޔަތްކޮށްފައިވާ ގޮއިދޫ ސަރަޙައްދު

'' ހަނިފަރު ސަރަޙައްދުގައި މޫސުމަށް މި އަންނަނީ އެންމަޑިއާއޮ، ފެހުރިހި. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބެސްޓް ސޮޕޓަކީ މަންޓާރޭ. ކާމިޔާބު އެއް ސަރަޙައްދެއްގެ ގޮތުގައި ވަނީ ބެލެވިފައި'' ބ.އަތޮޅު ބަޔޮސްފިޔަ ރިޒާރވް އޮފީހުގެ ފަރާތުން ޝާފީ އަލީ ވިދާޅުވިއެވެ. 

ހަނިފަރު ސަރަޙައްދަށް ދިވެހިން ޒިޔާރަތްކުރުންވެސް އިތުރުވަމުން އަންނަ ކަމަށް ބަޔޮސްފިޔަ ރިޒާރވް އޮފީހުން ފާހަގަކުރައްވައެވެ. ހަނިފަރު ސަރަޙައްދަށް ދިއުމަށް ދިވެހިންނަށް ޚާއްޞަ އަގުތަކެއް ކަނޑައަޅާފައިވާ ކަމަށް ބަޔޮސްފިޔަ ރިޒާރވް އޮފީހުން ވިދާޅުވެއެވެ.

ހަނިފަރު ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއް ކަމުން، އެތަނަށް ތިމާވެށީގެ ގޮތުން އެއްވެސް ގެއްލުމެއް ނުދީ އަދި އެތަނުގެ ޤުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް އެސަރަޙައްދު ބެލެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށް ބަޔޮސްފިޔަ ރިޒާރވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވިއެވެ. ޝާފީ ވިދާޅުވީ، އެކަން އެގޮތަށް ކުރުމަށް ބ.އަތޮޅުގެ މަސްވެރިންނާއި ކައިރި ރިސޯޓުތަކުން ވަރަށް ބޮޑު އެހީތެރިކަން ލިބޭކަމަށް ފާހަގަކުރިއެވެ.

''މިހާ ގިނަ ބަޔަކު މިތަން ބޭނުންކުރާއިރު ރައްޔިތުންގެ ޙޭލުންތެރިކަން ވަރަށް ބޮދަށް އިތުރުވެފައިވާ ކަމަށް ފެންނަނީ. ކުރީ ކޮޅު ގިނަ މައްސަލަތައް ހުށަހެޅޭ. އެހެންނަމަވެސް މިހާރު ވަރަށް ބޮޑަށް މަދު.  ޤަވާއިދުތަކަށް މަސްވެރިން ވަރަށް ބޮޑަށް ބަލާކަން ފާހަގަކުރެވޭ" ބ.އަތޮޅު ބަޔޮސްފިޔަ ރިޒާރވް އޮފީހުގެ ފަރާތުން ޝާފީ އަލީ ވިދާޅުވިއެވެ. 

ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ބ. އަތޮޅު ހެދުމުން، އެއަތޮޅަށް ޒިޔާރަތް ކުރަމުންދާ ފަތުރުވެރިންގެ ޢަދަދާއި، އެކިއެކި ރިސަރޗް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުވެ،  އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ތަރައްޤީ ލިބެމުން އަންނަކަމަށް ބަޔޮސްފިއަ އޮފީހުން ފާހަގަކުރައްވައެވެ. 

2014 ވަނަ އަހަރު ދެހާސް އެއްސަތޭކަ މީހުން ޒިޔާރަތްކޮށްފައިވާއިރު، ދެހާސް ފަނަރަވަނަ އަހަރު ތިންހާސް ހަތްސަތޭކަ މީހުން ހަނިފަރު ސަރަޙައްދަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ނިމޭއިރު މިއަދަދު ހަތަރު ހާހަށް އަރާނެކަމަށް ބަޔޮސްފިއަރ އޮފީހުން ލަފާކުރައްވައެވެ.