މާލޭގެ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސީއަށް 7 ފަންގިފިލާގެ އައު އިމާރާތެއް އިތުރުކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ސީއެޗްއެސްސީގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢެވެ. އަދި ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހުލާމް ރުޝްދީއެވެ.
މި އެއްބަސްވުމުގެ ދަށުން ސީއެޗްއެސްސީގެ އެނެކްސް އިމާރާތް ކުރަނީ 7 ފަންގިފިލާއަށް، މާލޭގައި މިހާރު ސީއެޗްއެސީ ހިންގާ ބިމުގެ ބިށްދަށުގައި އޮތް ހުސް ޖާގައިގައެވެ. ސީއެޗްއެސްސީގެ އައު އިމާރާތުގެ މަސައްކަތް ޔެސް މޯލްޑިވްސްއާ ޙަވާލުކޮށްފައިވަނީ 51.6 މިލިޔަން ރުފިޔާއަށެވެ.
މި މަޝްރޫޢަކީ މަތީ ސާނަވީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި ކިޔަވައިދިނުމުގެ ޖާގަ އިތުރުކުރުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެއްކަމަށް ތަޢުލީމީ ވިޒާރާއިން ވިދާޅުވެއެވެ.
• 15 ކްލާސްރޫމް
• 4 ސައިންސް ލެބް
• ސްޓާފް ރޫމް
• ލީޑިން ޓީޗަރ ރޫމް
• އެޑްމިން އޮފީސް
• 3 ލިފްޓް
• ޕާކިން އޭރިއާ
ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި ހުޅުވުނު މި ސްކޫލަކީ، މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.
ސްކޫލް މާލޭގައި ހިންގަމުން އައީ ލިލީމަހުގައި ހުންނަ އިމާރާތެވެ. ނަމަވެސް 2023ވަނަ އަހަރު ސީއެޗްއެސްސީ، އައު އިމާރާތަކާއެކު ހުޅުމާލެއަށް ބަދަލުކުއެވެ. 8 ފަންގިލާގެ އިމާރާތަކީ 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މިއާއެކު މާލޭގެ ސްކޫލް މުޅިން އުވާލިއެވެ.
ގިނަ ދަރިވަރުންނަށް މަތީ ސާނަވީއަށް ފުރުޞަތު ދިނުމަށާއި އަދި މާލޭގައި މަތީ ސާނަވީ ސްކޫލެއް ނެތުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ ދަތިތަކަށް ޙައްލު ގެނައުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މާލޭގެ ސްކޫލް ހިމެނޭހެން އަލުން ކިޔަވައިދިނުން ފެށުމަށެވެ.
މި ނިންމެވުމުގެ ދަށުން 800 އަށްވުރެ ގިނަ ދަރިވަރުންނާއެކު، 2024، ސެޕްޓެމްބަރު 1ވަނަ ދުވަހު، މާލޭ ސީއެޗްއެސްސީގެ ކިޔެވުން އަނެއްކާވެސް ވަނީ ފަށާފައެވެ. އަދި އަލަށް އިތުރުކުރާ އިމާރާތާއެކު، މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު އިތުރު ގިނަ ދަރިވަރުންތަކަކަށް ލިބިގެންދާނެއެވެ.