ކުޑަކުދިން ލައްވައި ކުށްކުރުވާ މީހުންނަށް ޤާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތުކަމަށް ސީޕީ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން އެފަދަ މައްސަލަތައް ބަލާނެ ކަމަށެވެ. އަދި އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ޤާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ސީޕީ ވަނީ ދެއްވާފައެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަކީ މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާ، އެންމެންގެ އިޖުތިމާއީ ޒިންމާއެއްކަން ފާހަގަކުރައްވައި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ސީޕީ ވަނީ ގޮވާލައްވާފައެވެ.
ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު. ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން… https://t.co/fIpRdBoitd
— Commissioner of Police, Maldives (@PoliceMvCP) February 4, 2026
މިފަދަ އަމަލުތައް ރާވައި ހިންގާ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.
16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި 2026 ފެބުރުވަރީ 01 ވަނަ ދުވަހު މާލެ ސަރަހައްދުން ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއްދީގެން ފިޔަވަޅުތަކެއް އަޅަމުންނެވެ.