ޚަބަރު

"ތަރައްޤީއާއި ކުރިއެރުމަށް، ރައްޔިތުންގެ އިތުބާރު މުހިއްމު"


  • މަސްވެރިކަމުގެ ދާއިރާއަށް ޚާއްސަ ރިޔާސީ ވައުދުތަކެއް ކަނޑައެޅުއްވީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު

  • ޒުވާނުން މަސްވެރިކަމަށް އަނބުރާދާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރަންޖެހޭ

  • މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ގިނަ މަޝްރޫޢުތަކެއްދަނީ ހިންގަވަމުން

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާއިރު، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ވަރަށް މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ގދ،ފިޔޯރީގައި ތަރައްޤީކުރާ މަސްދަޅު ބަންދުކުރާ ކާރުޚާނާގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް އެކި ދާއިރާތަކުން ވެވަޑައިގެންނެވި ތަރައްޤީއާއި ގުޅުންހުރި އެތައް ވަޢުދުތަކެއް ޙަގީގަތަކަށް ވެގެންދާތަން ރާއްޖޭގެ އެކި ސަރަޙައްދުތަކުން މިއަދު ފެންނަމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް އިސްކަންދެއްވައިގެން ރިޔާސީ ވަޢުދުތަކެއް މެނިފެސްޓޯގައި ހިމެނުއްވީ އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސް ގެންގުޅުއްވާ ޙިކުމަތްތެރި ވިސްނުންފުޅާއެކުކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަސްވެރިންނާއި، އޮޑިވެރިންނާއި އެދާއިރާގައި މަސައްކަތް ކުރަމުންދިޔަ ޒުވާނުންގެ ޝަކުވާތައް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާ އަޑުއެއްސެވިކަމަށެވެ. އަދި އެތައް ޒަމާނެއް ވަންދެން ކުރިމަތިވަމުންދިޔަ ކަންކަމަށް އިސްކަންދެއްވާ ރިޔާސީ ވަޢުދުފުޅުތަކެއްގެ ގޮތުގައި ކަނޑައަޅުއްވާ މަސައްކަތް ބައްޓަން ކުރެއްވިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ސަރުކާރާއި ހަވާލުވީއިރު ރާއްޖޭގެ ޙާލަތު އޮތީ ތަސައްވުރުކުރިގޮތަށްވުރެ ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަންޖެހުނީ އަނދަވަޅަކަށް ވެއްޓިފައި އޮތް ރާއްޖޭގެ އިޤްތިޞާދު ނަގާ ހަމަމަގަށް އަލުން ގެނައުމަށްކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ބޭނުންވާ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވީނަމަވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ކޯވިޑާއެކު އެނގިގެންދިޔަ އެންމެ ބޮޑު ޙަގީގަތަކީ އަދުގެ ދުނިޔޭގައި ހަމައެކަނި އެއްދާއިރާއަށް އިޤްތިޞާދު ބަރޯސާނުވެވޭނެކަންކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަނީ އިޤްތިޞާދު ސިންދަފާތުކުރުމަށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެން ބަރޯސާވެފައިވާ އޮތް ޓޫރިޒަމް ނޫން ދިމަދިމާއަށް އަޅުގަނޑުމެން އިންވެސްޓްކުރަންޖެހޭކަން އެމަނިކުފާނު ޤަބޫލުކުރައްވާ، އެއަށް ބޭނުންވާ ފައިސާ ހޯއްދަވައިގެން މިމަސައްކަތްޕުޅުތައް ފައްޓަވައިގެން ކުރިއަށްގެންދަވަނީ." ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ބައެއް ރަށްރަށުގައި މަސްވެރިކަން ނެތިގެންދިޔަ ގޮތް ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ރައްޔިތުންގެ އިތުބާރު ސަރުކާރަށް މުހިއްމުކަމަށެވެ. ހަމައެއާއެކު މަސްވެރިކަމުގައި ހަރަކާތްތެރިވާ ޒުވާނުންނަށްވެސް ވަޒީފާ ދޭ ފަރާތްތަކާމެދު އިތުބާރު އޮންނަނާނެ ފަދަ ގޮތަކަށް ކަންކަން ދަމަހައްޓަންޖެހޭކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ޒުވާނުންނަށް ދޭން ބެނުންވާ މެސެޖަކީ، މިފެކްޓްރީގެ ވަޒީފަތަކަށް އެކަންޏެއް ނޫން އަޅުގަނޑުމެންގެ ވިސްނުން އިސްކުރަންޖެހެނީ. މަސްވެރި ދާއިރާ ކުރިއެރުވުމަށްޓަކައި، އެދާއިރާއަށްވެސް ލިބިގެންދާ ހިތްވަރަކަށް މިކަންވެގެންދާއިރުގަ، ދާއިރާއަށް އިންވެސްޓްކުރަން ބެނުންވާ ފަރާތްތަކަށް އައު ދޯނިތައް ގެނައުމާއި، ޒުވާނުން ދޯނިން ފައިބައިގެން ވަޒީފާ ހޯދަންދާންޖެހޭ ޖެހުން ހުއްޓުވުމަށް ވިސްނުންތަކެއް ގެންގުޅެން އެބަޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ޒުވާނުން މަސްވެރިކަމާއި ބީރައްޓެހިވެގެންދިޔައީ އެކަމަށް އަޅާނުލެވި ދޫކޮށްލެވުމުންކަމަށެވެ. އެހެންކަމުން ވަޒީފާގެ ޔަގީންކަމާއެކު ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން ނެރުމަށްކަމަށް ވިދާޅުވިއެވެ.