އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ މިހާތަނަށް ކުޅުނު 24 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 46 ޕޮއިންޓެވެ.
ލީޑްސްގެ އީލޭންޑް ރޯޑްގައި ކުޅުނު މި މެޗުގައި އާސެނަލް އިން ލީޑު ނަގާފައިވަނީ މެޗުގެ 27 ވަނަ މިނިޓުގައި މާޓިން ޒުބިމެންޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ 38 ވަނަ މިނިޓުގައި ލީޑްސްގެ ޑާލޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އާސެނަލް އަށް ވަނީ 2-0 ގެ ލީޑެއް ފުރަތަމަ ހާފުގައި ލިބިފަ އެވެ.
އާސެނަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 69 ވަނަ މިނިޓުގައި ވިކްޓަރ ގިޔޮކޯރެސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ގެބްރިއެލް ޖިސޫސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.