ތިމާވެށި

އޮމަދޫ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވެފައި !


ރަށްގިރުމުގެ މައްސަލަޔަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރެއްވުމަށްޓަކައި ސަރުކާރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގެންދަވަނީ ތަފާތު މަޝްރޫޢުތައް ހިންގަވަމުންނެވެ. އދ.އޮމަދުއަކީވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ. މިކަން ހައްލުކުރެއްވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އޮމަދޫ ކައުންސިލުން ވިދާޅުވެއެވެ.

ދިރާސާތަކުން ދައްކާގޮތުން ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ ސަބަބަކީ ގުދުރަތީ ގޮތުން އުފެދިފައިވާ، ރަށާ ގުޅިފައިވާ ފަރަށް ބަދަލުތައް ގެނައުމެވެ. އެގޮތުން ރަށްރަށުގެ ބަނދަރުފަދަ ތަންތަން ހެދުމަކީވެސް ބައެއްފަހަރު މިފަދަ ކަންތައްތަކަށް މަގުފަހިވާ ކަންކަމެވެ. މިފަދަ ކަންތައްތަކުގެ ސަބަބަން ރަށުގެ ނުވަތަ ފަޅު ވަށައިގެން ދައުރުވާ ވެލިތައް ދައުރު ވުމަށް ހުރަސްއެޅި ރަށް ގިރުމަށް މަގުފަހިވެއެވެ.

އދ.އޮމަދޫގެ ރައްޔިތުން ބުނާ ގޮތުން އޮމަދޫގެ ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން ފެށީ ބަނދަރު ހެދި ހިސާބުންނެވެ. ރަށުގެ ތުނޑިން މިހާތަނަށް ގާތްގަނޑަކަށް 150 ފޫޓް ގިރައިގެން ގޮސްފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14736944300393.jpg|އދ. އޮމަދޫ

އޮމަދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެރަށުގެ އެކުވެރިންގެ ޖަމްޢިއްޔާއަކުން މީގެ ކުރިން ވަނީ އެސަރަހައްދުގައި ތޮއްޓެއްވެސް ލާފައެވެ. ނަމަވެސް މީގެ ސަބަބުން މިމައްސަލައަށް ހައްލެއް ނުލިބޭކަމަށް އެރަށު ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އޮމަދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އިބްރާހީމް ޢާދިލް ވިދާޅުވީ، ރަށްގިރުމުގެ މައްސަލައަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި މި މައްސަލަ ޙައްލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ގެންގުޅުންވާ ސިޔާސަތު ހާމަކޮށްދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރެއްވުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަމުގައެވެ. މިކަމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާ ކަމަކަށްވާތީ އެއްފަހަރާ ހުރިހާ ރަށެއްގައި މިކަން ހައްލުކުރެއްވުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށާއި އެހެންނަމަވެސް އެންމެ ބޮޑަށް މި މައްސަލަ ދިމާވެފައިވާ ރަށްރަށަށް އިސްކަން ދެއްވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ބައެއް ރަށްރަށަކީ ހަމަ މީހުންގެ މުދަލަށް ގެއްލުން ލިބޭ ހިސާބުގައި ހުރިރަށްރަށް. އަނެއްބައި ރަށްރަށަކީ ބޮޑެތި އިންސްޓަލޭޝަން ހަދާފައި ހުރި ރަށްރަށް. އެއީ ސަރުކާރުގެ އިންފްރާސްޓްރަކްޗަރ ހުރި ރަށްރަށް. ސަރުކާރުގެ ކެރިފޯރުންތެރިކަން ހުންނަ ވަރުން އެއްފަހަރާ ހުރިހާ ރަށެއްގެ މަސައްކަތެއް ނުކޮށްދެވޭ. އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ ގިނަ ރަށްރަށުގެ ގިރާ ސަރަޙައްދުތައް ސާރވޭ ކުރުމުގެ މަސައްކަތްވެސް ކުރަމުން" މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މީގެ ކުރީ ސަރުކާރުތަކާ އަޅާބަލާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ގިނަ މަސްރޫޢުތައް ހިންގާފައިވަނީ މި ސަރުކާރުންކަން މިނިސްޓަރ ތާރިޤް ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 17 ކިލޯމީޓަރގެ ގޮނޑުދޮށް ހިމާޔަތް ކުރައްވާފައިވާކަމަށެވެ. މީގެއިތުރުން އިތުރު ރަށްރަށުގައި މަސައްކަތް ފެށްޓެވުމަށް ސަރވޭ ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.