ކެންސަރު ބަލި މީހުންނަށް ޚާއްޞަ، ކީމޯ ތެރަޕީގެ ޚިދުމަތް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަށައިފިއެވެ.
މިއީ، މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 3 ވަނަ ހޮސްޕިޓަލެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި ރ.އަތޮޅަކީ ރާއްޖޭގައި 4 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ރަޖިސްޓަރކޮށްފައިވާ އަތޮޅެވެ.
އާސަންދައިގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދޭ ދާއިމީ އެންމެ ބޮޑު ބައްޔަކީ ކެންސަރު ބައްޔެވެ. އެހެންކަމުން ރާއްޖޭގައި ކެންސަރަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިހާރު މިވަނީ މި މަސައްކަތަށް އިތުރު ކުރިއެރުމެއް އައިސްފައެވެ. މާލެއިން ބޭރުން އަތޮޅުތަކުގައި ކީމޯގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރުވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފަށާފައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލުގައި ކީމޯގެ ޚިދުމަތް ފެށުމަށް އައިޖީއެމްއެޗުގެ، އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ނަރުހުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި ޚިދުމަތް ފެށުމަށް ބޭނުންވާ 2 ނަރުހުން މިހާރު ތަމްރީނުކޮށްފައިވާ ކަމަށެވެ. މިކަމަށްޓަކައި ޚާއްޞަ ކީމޯ ރޫމެއް ޤާއިމުކޮށްފައިވާއިރު، އެއްފަހަރާ 2 މީހުންނަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
އުނގޫފަރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލުން ކީމޯ ނެގުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަން މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ކީމޯ ނެގުމަށް ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލަށް ގުޅައިގެން ކީމޯގެ ސެޝަނަށް ބޭނުންވާ ބޭސް ހޯދުމުގެ ކަންކަން ހަމަޖެއްސުމަށް އެހޮސްޕިޓަލުން އެދެއެވެ. ކެންސަރުގެ އެކި ބާވަތްތަކަށް އަދި އެކި ބަލި މީހުންނަށް ކީމޯ ދިނުމުގެ ޓްރީޓްމަންޓް ޕްލޭން ތަފާތުވާނެތީ، ރާއްޖެއިން ބޭރުން ކީމޯގެ މުއްދަތުގައި ބޭނުންވާ ބޭސް ހޯދުމަށް ހޮސްޕިޓަލަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެންކަމުން އެންމެ މުހިންމީ އެހެން ސަރަޙައްދަކުން މިވަގުތު ކީމޯ ނަގަމުންދާ ފަރާތެއް ނަމަވެސް އަދި އަލަށް ކީމޯ ފެށުމަށް ތައްޔާރުވާ ފަރާތެއް ނަމަވެސް އެކަން ހޮސްޕިޓަލަށް އެންގުމެވެ.
މިވަގުތު ހޮސްޕިޓަލުގެ އޮންކޯ ނުވަތަ ކެންސަރަށް ޚާއްސަ ޑޮކްޓަރުން ނެތުމާއެކު، ހޮސްޕިޓަލުން މަސައްކަތް ކުރަމުންދަނީ އައިޖީއެމްއެޗުގެ އޮންކޯ ޑިޕާޓްމަންޓާއި ގުޅިގެންނެވެ. އަދި ބަލި މީހަކަށް ވަގުތުން ފަރުވާ ބޭނުންވާ ޙާލަތެއްގައި ވީހާވެސް އަވަހަކަށް މާލެ ފޮނުވޭނެ އިންތިޒާމު ހޮސްޕިޓަލުން ހަމަޖައްސާނެ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ތަފާސްހިސާބަށް ބަލާއިރު ރ.އަތޮޅަކީ، ރާއްޖޭގައި 4 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ރަޖިސްޓްރީކޮށްފައިވާ ސަރަޙައްދެވެ. އުނގޫފާރު ހޮސްޕިޓަލުގެ ތަފާސްހިސާބަށް ބަލާއިރު ރ.އަތޮޅުގައި މިވަގުތު ކެންސަރަށް ފަރުވާ ހޯދަމުންދާ 58 ބަލި މީހުން އެބަތިއްބެވެ.
މިވަގުތުގެ ތާފާސްހިސާބަށް ބަލާއިރު މާލެ ސަރަޙައްދަށްފަހު އެންމެ ގިނައިން ކެންސަރު ބަލި މީހުން ތިބީ، ސ.އަތޮޅުގައެވެ. އަދި 3 ވަނައަށް އެންމެ ގިނައިން ކެންސަރު ބަލި މީހުން ތިބި ކަމަށް ދައްކަނީ ށ.އަތޮޅުގައެވެ.
ކެންސަރުގެ ފަރުވާއަށް ރާއްޖޭގައި ފުރަތަމަ ކީމޯގެ ޚިދުމަތް ފެށީ، 2014 ވަނަ އަހަރުގައެވެ. މާލެއިން ބޭރުން އެންމެ ފުރަތަމަ ކީމޯގެ ޚިދުމަތް 2020 ވަނަ އަހަރު ފެށީ، ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައެވެ. އެއަށްފަހު 2023 ވަނަ އަހަރުގެ ތެރޭގައި ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް ކީމޯ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.