ތަރައްްޤީ

އަތޮޅު ކޮމާންޑަރުންގެ 4 ވަނަ ބައްދަލުވުން ނިންމާލައިފި


އަޕަރނޯތު ޕޮލިސް ޑިވިޜަން އަތޮޅު ކޮމާންޑަރުންގެ 4 ވަނަ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ހިންގުން ހަރުދަނާކުރެއްވުމަށްޓަކައި ސިލްސިލާކޮށް ބާއްވަވާ އަތޮޅު ކޮމާންޑަރުންގެ 4 ވަނަ ބައްދަލުވުން ބޭއްވެވީ ނިމިގެން މިދިޔަ ހަފުތާގެތެރޭގައި ކުޅުދުއްފުށީގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ޑިވިޝަން ކޮމާންޑަރާއި ހދ.އަތޮޅު ކޮމާންޑަރާއި  ހއ. އަތޮޅު ކޮމާންޑަރާއި އަދި ށ. އަތޮޅު ކޮމާންޑަރެވެ. އަދި މި ތިން އަތޮޅުގެ ތަޙްޤީޤު މަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގެންނެބި އިސް ބޭފުޅުންނާއި ކޮންމެ އަތޮޅެއްގެ މައި ސްޓޭޝަންގެ އިންޗާޖުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ، އަޕަރނޯތު ޑިވިޜަން ހިންގެވުން ހަރުދަނާކުރެއްވުމާއި ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ރަސްމީ ބައްދަލުކުރުމެއްގެ ތެރެއިން މަޝްވަރާކުރެއްވުމެވެ. އަދި ހުށައެޅޭ މައްސަލަތައް މަދުކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރެއްވުމާއި މައްސަލަތަށް ތަޙުޤީޤްކުރެއްވުމުގައި ބޭނުންކުރަންޖެހޭ ހަރުދަނާ އުޞޫލުތައް ބޭނުން ކުރެއްވުމަށް ބާރުއަޅައި މައްސަލަތަކުގެ ތަހްޤީޤް އަވަސްކުރުމަށް މަސައްކަތް ކުރެއްވުމެވެ.

މި ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތަކުގެ ތެރޭގައި، މައްސަލަތަށް ނިންމިފައިވާ އަދަދު ހާމަވާގޮތަށް ކޮންމެ އަތޮޅެއް ވަކިން މެއި މަހުން ފެށިގެން މައްސަލަ ހުށައެޅުނު އަދަދާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުއްވުނު އަދަދާއި އަދި ފައިލްކުރެވުނު އަދަދާއި ތަހްޤީޤް ދާއިރާގައި ހުރި ދަތިތައް ހިމަނައިގެން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި އެ ކަންކަމާމެދު މަޝްވަރާކުރެއްވުން ހިމެނެއެވެ. އަދި މި ޕްރެޒެންޓޭޝަންގައި ސްޓޭޝަންތަކުން ފާހަގަކުރެއްވި ދަތިތައް ޙައްލުކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މައްސަލަތަކުގައި ނެގޭ އެވިޑެންސް ކުރުމުއްދަތެއްގެ ތެރޭގައި މާލެ ފޮނުއްވައި ތަޙްލީލްކުރެއްވުމުގެ މަރްޙަލާ ފެށޭނެ ގޮތް ހެއްދެވުމަށް މަޝްވަރާކުރެއްވުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ސްޓޭޝަންތަކުގައި ހުރި ދަތިއުނދަގޫ ކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކުރައްވަން ހުރި މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަން ކުރިޔަށް ގެންދަވާނެގޮތުގެ ތާވަލެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މި ހިނގާ 2016 މެއި މަހުންފެށިގެން މައްސަލަތަށް ނިންމުމުގެ ސްޕީޑް އަވަސްކުރެއްވުމަށް އަޕަރނޯޓް ޑިވިޜަނުން ކުރައްވާފައިވާ މަސައްކަތުން ޑިވިޜަންގެ 04 ސްޓޭޝަނަކުން ތަޙްޤީޤުކުރައްވަން ހުރި ހުރިހާ މައްސަލަތަކުގެ ތަޙްޤީޤުވަނީ ނިންމަވާފައެވެ. އެއީ ހދ. ނޮޅިވަރަމްފަރު، ހދ. މަކުނުދޫ އަދި ށ. ފީވަކު، އަދި ށ. ކަނޑިތީމް ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ބަލަމުންދިޔަ މައްސަލަތަކެވެ.

އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ މި ބައްދަލުވުމުގައި ކޮމާންޑަރުން ވަނީ އެ ޑިވިޜަންގައި އިޖުތިމާޢީ ހޭލުންތެރިކަމާއި ކުށްމަދުކުރުމަށް ހިންގާ އެކިއެކި ޙަރަކާތްތަކުގެ އެދެވޭ ހެޔޮ ބަދަލުތައް ފެނި، ކުށުގެ ވެށި ކުޑަވަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިފަދަ އިތުރު ޙަރަކާތްތަކާ ޕްރޮގްރާމްތައް ހިންގަވަމުން ގެންދެވުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.