ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި


  • އަމްޖަދު ރިޤާބް 5 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި

  • މުޙައްމަދު ނާއިފް ޝަރީޢަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފައި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. މިމަހުގެ 20ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ދިވެހި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ބުލާފަރުގެ، އުމުރުން 36 އަހަރުގެ އަމްޖަދު ރިޤާބް އާއި ށ. ނޫމަރާ / މޯނިންގސްޓަރ، އުމުރުން 28 އަހަރުގެ މުޙައްމަދު ނާއިފް ކަމަށެވެ.

ފުލުހުން ވިދާޅުވީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 266.29 ގްރާމް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަމްޖަދު ރިޤާބް ފަސް ދުވަހަށް އަދި މުޙައްމަދު ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ އެ ދެ މީހުން ދިރިއުޅޭ ގެއިންނެވެ. މީގެ ކުރިންވެސް މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ދެ މީހުންގެ މައްޗަށް ދަޢުވާކޮށްފައިވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.