ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ތަޢާރަފްކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢުގެ ދަށުން ތަޢުލީމީ ދާއިރާއިންވެސް މުހިންމު މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ތަޢުލީމީ ދާއިރާއަކީ ޒަމާނާ އެއްގޮތަށް ތަރައްޤީވަމުންދާ ދާއިރާއަކަށް ހެދުމަށްޓަކައި ތަޢުލީމީ ވުޒާރާއިން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެވުޒާރާއިންވަނީ ކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭންގެ ދަށުން ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މުހިންމު ކަންތައްތަކެއް ތަޢުލީމީ ދާއިރާއިން ތަންފީޒުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އެންމެ މުހިންމު އެއްކަމަކީ މިދާއިރާއިން ޓީޗަރުން ތަމްރީންކުރުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރު ތެރޭގައިވެސް ޓެކްނޮލޮޖީއަށް އަހުލުވެރި ޓީޗަރުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ކުރެވޭ މަސައްކަތް މިއަހަރު އިތުރަށް ފުޅާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޑިޖިޓަލް ކޮމްޕިޓެންސީ ލީޑަރޝިޕް މަތިކުރަމުން މިހާރު މިދަނީ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭންގެ ދަށުން. މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މާސްޓަރ ޕްލޭން ތަޢާރަފްކުރާނަން. ހަމައެއާއެކު ޔުނިސެފާއި ގުޅިގެންވެސް މިދާއިރާ ތަރައްޤީކުރުމަށް ވަރަށް ގިނަ މަސައްކަތް އެބަ ކުރެވޭ" ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ޑިޖިޓަލީ އަންނަ ބަދަލަށް އެންމެ ބޮޑަށް އަހުލުވެރިވާންޖެހޭ ބަޔަކީ ޓީޗަރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ޓީޗަރުންނަށް އަންނަ ކޮންމެ ކުރިއެރުމެއް ސީދާ ގުޅެނީ ދަރިވަރުންގެ ކުރިއެރުމާއި ކަމަށާއި އަދި ދިގުމުއްދަތުގައި އެކަމުގެ ނަތީޖާ މުޖުތަމަޢުން ފެންނާނެކަމަށެވެ.
އެހެންކަމުން ޓީޗަރުންގެ ދުޅަހެޔޮކަމާއި، ތަމްރީނުތަކަކީ ވަރަށް ޚާއްސަ އިސްކަމެއްދީގެން ތަޢުލީމީ ވުޒާރާގެ ފަރާތުން ބަލަމުންދާކަމެއްގެގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ ދާއިރާއިން އާޓިފިޝަލް އިންޓަރލިޖެންސާއި ގުޅޭގޮތުން ޓީޗަރުން ތަމްރީނުކޮށް އެކި މާއްދާތައް ކިޔަވައިދިނުމުގައި އޭއައި ބޭނުންކުރާނެ އުކުޅުތައް ޓީޗަރުންނަށް ދަސްކޮށް ދިނުމުގެ މަސައްކަތްކުރުމަށް ނިންމާފައިވާކަން ތަޢުލީމީ ވުޒާރާއިން މީގެކުރިންވަނީ ހާމަކުރައްވާފައެވެ.