ޚަބަރު

ބަޔާން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔޫނިއަން ސެއިންޓް-ޖިލުއާސް އާއި ދެކޮޅަށް ރޭ ބަޔާން މިއުނިކް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގު ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ޖުމްލަ 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފަ އެވެ. ލީގު ބުރުގައި އަދި އެއް މެޗު ބާކީ އޮތްއިރު އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ފަސްދޮޅަސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ޖިއުލާސް އާއި ދެކޮޅަށް ކުޅުނު މި މެޗުގައި ބަޔާން މިއުނިކް އިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ޑޭވިޑް ހުބަޓްގެ އިރުޝާދުގެ ދަށުން ކުޅުނު ޔޫނިއަން ސެއިންޓް-ޖިލުއާސް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ.

ބަޔާން މިއުނިކް އިން ކުރި ހޯދާފައިވަނީ މެޗުގެ 52 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނިޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ 63 ވަނަ މިނިޓުގައި ބަޔާން މިއުނިކްގެ ކިމް މިން-ޖައި އަށް ދެވަނަ ރީނދޫ ކާޑަކާއިއެކު ރަތް ކާޑު ދައްކާފައިވާތީ މެޗުގެ ބާކީ ވަގުތު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ބަޔާން މިއުނިކަށް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖެހުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ޕެނަލްޓީ ހެރީ ކޭން އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.

މި ނަތީޖާ އާއިއެކު ބަޔާން މިއުނިކް ވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 38 މެޗުން ބަލިނުވެ އެ ރެކޯޑް ދަމަހައްޓާފަ އެވެ.