ޚަބަރު

ބޯހިޔާވަހިކަމަށް ކުރިމަތިލުމުގައި ބޮޑެތި ލުއިތަކެއް


  • އީ-ފާސް މެދުވެރިކޮށް ޑިޖިޓަލް އާކައިވްގައި ހުރި އެ މީހެއްގެ މަޢުލޫމާތު ފެންނާނެ

  • ޕޯޓަލުގެ ތެރެއިން ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައި

  • އަދިވެސް ޚިދުމަތް ހަރުދަނާ ކުރަންޖެހޭ

  • ގެދޮރުވެރިކަމާ ބެހޭ ޤާނޫނާއެކު ބޮޑެތި މައްސަލަތަކަށް ޙައްލެއް އަންނާނެ

ބޯހިޔާވަހިކަމުގެ މައްސަލައަކީ އިޖުތިމާޢީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން ހުޅުވާލާ ކޮންމެ ފުރުޞަތަކާއެކު ގިނަ ޢަދަދެއްގެ ބަޔަކު ބޯހިޔާވަހިކަމަށް ކުރިމަތިލައެވެ. މިކަމުގައި ޒަމާނުއްސުރެ ދިވެހީން ވަނީ ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލާފައެވެ.

ބޯހިޔަވަހިކަމަށް އެދި އެތައް ބަޔަކު ކުރީގެ ހައުސިންގ މިނިސްޓްރީ ދޮށަށް އެއްވެ ބޮޑެތި ކިޔުތަކުގައި އެތައް އިރަކު އަތްވާއި، ވާރޭގައި ތިބި ދުވަސްތަކަކީ، ދުރުނޫން މާޒީއެއްގައި ހިނގި ކަންކަމެވެ. އެއީ، ބޯހިޔާވަހިކަމުގެ މައްސަލަ އޮތް މިންވަރު ހަމަލޮލަށް ފެނިގެން ދިޔަ ފަހަރެކެވެ. މިއާއެކު މިކަމަށް ޙައްލެއް ގެނައުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރިނަމަވެސް މިކަމަށް ބަދަލު އަންނަމުން ދިޔައީ އެކަށީގެންވާ ސްޕީޑެއްގައެއް ނޫނެވެ. 2022 ވަނަ އަހަރު ބޯހިޔާވަހިކަމަށް ޚާއްޞަ ޕޯޓަލްއެއް ޤާއިމުކޮށް އެޕޯޓަލްގެ ތެރެއިން ބޯހިޔާވަހިކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލިއެވެ. އެހެންނަމަވެސް އެފަހަރުވެސް ޢާންމުންގެ ޝަކުވާތައް މަދުވާ ގޮތެއް ނުވިއެވެ. ޕޯޓަލްއަށް ލިޔެކިޔުން ހުށައެޅުމުގައި ހުރި ހިރާސްތަކާއި، ފްލެޓު ލިބުމުން މާކްސް ލިބޭގޮތާއި މެދު ފެންނަން ހުރީ ކަންބޮޑުވާ ކަންތައްތަކެކެވެ.

ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް އަންނަމުން ދިޔަ ބަދަލަށް ފެތޭ ފަދަ ގޮތަކަށް ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމަށް ކަމާބެހޭ ފަރާތްތަކުން އެދެވޭ ބަދަލުތަކެއް ގެނެސްދީފައެއް ނުވެއެވެ. ކުޑަމިނުން ގެދޮރުވެރިކަމުގެ ކަންކަމާއި ގުޅޭ ޤާނޫނެއް އެކުލަވާލާފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު މަންޒަރު ބަދަލުވަމުންދާތަން އެބަފެނެއެވެ.

ގެދޮރުވެރިކަމާ ބެހޭ ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް މިހާރުވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިފަހަރު ވަނީ، ކުރިއާ ޚިލާފަށް ބައެއް ބަދަލުތައް ގެނެސްފައެވެ.

މީގެކުރިން ހުޅުވާލި ފުރުޞަތުގައި މާލޭގައި ދިރިއުޅޭ ފަރާތެއްކަން ކަށަވަރު ކުރުމަށް ހުށައަޅަންޖެހުނު ލިޔެކިޔުންތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް އިދާރީގޮތުން ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ޙައްޤު ފަރާތަށް ބޯހިޔާވަހިކަން ނުލިބި، ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހެޅި ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިގެންދާ ގޮތަށް ފުރުޞަތު ހުޅުވިގެން ދިޔައެވެ. އެކަން ބަދަލުކޮށް ވީހާވެސް ބޮޑަށް ސައްޙަ މަޢުލޫމާތު ލިބި، ފަސޭހަ ނިޒާމެއްގެ ތެރެއިން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އިންތިޒާމެއް މިފަހަރު ވަނީ ފަހިކޮށްދީފައެވެ.

މިފަހަރު "އީ-ފާސް" މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވާއިރު އެމީހާއި ގުޅުންހުރި މަޢުލޫމާތު ދައުލަތުގެ ޑިޖިޓަލް އާކައިވްގައި ހުރި މިންވަރަކުން މިޕޯޓަލުގެ ތެރެއިން ފެންނަން ހުންނާނެ ފަދަ ގޮތަކަށް ޕޯޓަލްއަށް ވަނީ ބަދަލުތައް ގެނެސްފައެވެ. މިހާރު އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން އެމީހެއްގެ ޙާލަތު ބަޔާން ކުރުމުގެ ފުރުޞަތު އަދި ބޭނުންވާ ލިޔެކިޔުންތައް ޙިއްސާ ކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތެއްގައި ބޯހިޔާވަހިކަމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރެވޭނެ މަގު މިހާރު ވަނީ ފަހިވެފައެވެ. މިހާހިސާބަށް އައީ އެތައް މަސައްކަތަކާއެކު ގެނެސްފައިވާ އެތައް ބަދަލުތަކެއްގެ ސަބަބުންނެވެ. އަދިވެސް ޕޯޓަލް އިތުރަށް ހަރުދަނާ ކުރުމަށް ކަންކަން ކުރަން ޖެހެއެވެ.

ސަރުކާރު އިދާރާތައް ޑިޖިޓަލައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އީ-ފާސް" އިތުރަށް ހަރުދަނާކޮށް، މަސައްކަތްކުރަން ތިބި ފަރާތްތަކާއި ރައްޔިތުންނަށްވެސް މިހާރަށްވުރެ ބޮޑަށް މިކަމުގައި ފަސޭހަވާނެ ނިޒާމެއް ޤާއިމު ކުރަންޖެހެއެވެ.