ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުން އެމީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލް ވަގުތުން އެނގޭނެ ކަމަށާއި ނަމަވެސް ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅޭނީ އޮންލައިންކޮށް، "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމުގެ ދަށުން ހުޅުވާލާފަވަނީ، ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަޙައްދުން ދޫކުރާ 7,900 ފްލެޓަށެވެ.
ފޯމު ހުށަހެޅުމަށް "ހިޔާވަހި ޕޯޓަލް" ހުޅުވާލާ، މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލެވޭނީ އެމީހަކު އިޚްތިޔާރު ކުރާ ކޮންމެވެސް އެއް ސްކީމަކަށް ކަމަށެވެ.
ވެށިފަހި އަދި ހިޔާ މަޝްރޫޢުގައި ފްލެޓު ލިބޭނެ ކަމަށް ލިޔުން ޙަވާލުކޮށް، ފްލެޓު ދީފައިނުވާ މީހުންނަށްވެސް، އާ ސްކީމުން ކުރިމަތިލުމަށް އެމީހުންނަށް ލިބޭ އިޚުތިޔާރުތައްވެސް ޕޯޓަލްގައި ހިމަނާފަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސަރުކާރުން ޚާއްޞަ އުސޫލަކުން ދިނުމަށް ނިންމާފަވާ ފުރުޞަތެކެވެ. ވަޒީރު ވަނީ ސައްޙަ މަޢުލޫމާތު ހުށަހެޅުމަށް ޢިލްތިމާސް ކުރައްވާފައެވެ.
"އެދެނީ ޝަރުތު ހަމަވާ ފަރާތްތަކުން އެކަނި ފޯމު ހުށައަޅަން. އީފާސްއިން ވަދެ، ޝަރުތު ހަމަވޭތޯ ބެލޭނެ. އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ސައްޙަ މަޢުލޫމާތު ހުށަހެޅުމަށް. އެޕްލިކޭޝަން ފުރިހަމަވާނީ މަޢުލޫމާތު ފުރިހަމަކޮށް، އިޤުރާރުގައި ސޮއިކޮށް ހުށަހެޅުމުން." ވަޒީރު ވިދާޅުވިއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް މިހާރުވަނީ ހުޅުވާލެވިފައި
— Ministry of Construction, Housing & Infrastructure (@MoCImv) January 18, 2026
އެޕްލިކޭޝަން ހުށަހެޅުން: https://t.co/RmhurERkNa #BoahiyaavahikanEmmennah… pic.twitter.com/UBwQ3W9Mq2
ވަޒީރު ވިދާޅުވީ ފޯމު ހުށަހެޅުމަށްފަހު ފޯމު ކެންސަލް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފޯމު ހުށަހެޅުމުގެ ކުރިން، ޑްރާފްޓުގައި ބައިންދައިގެން ފޯމު ފުރުމާއި ބޭނުންވާ ލިޔެކިޔުންތައް އެއްކުރެވޭނެ ކަމަށެވެ. ވަޒީރު ވަނީ އަވަސް އަރުވާލައިގެން ފޯމު ހުށަހެޅުމުގެ ބަދަލުގައި، ވަގުތު ނަގައިގެން، ލިޔެކިޔުންތައް ހަމަކޮށްގެން ފޯމު ހުށަހެޅުމަށް އެދިފައެވެ. މިފަހަރު ގެނެސްފަވާ ބަދަލުތަކުގައި، ފޯމު ހުށަހަޅާއިރަށް ވަގުތުން އެމީހަކަށް ލިބޭ ޕޮއިންޓް އިނގޭނެއެވެ.
"ފޯމު ސަބްމިޓް ކުރުމުން، ފޯމު ބަލައިގެންކަން މެސެޖުންނާއި އީމެއިލްއަށް ފޮނުވާނެ. އެ ލިޔުމާއެކު އެމީހަކަށް ލިބޭ ޕޮއިންޓުގެ ތަފްސީލްތައް ހިމަނާ، ވަގުތުން ލިބޭނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފޯމުތައް ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ވަގުތީ ލިސްޓު އެކުލަވާލެވޭނެ މުއްދަތު އިނގޭނީ ހުށަހަޅާ ފޯމުގެ އަދަދަށް ބެލުމަށްފަހު ކަމަށެވެ.
"ހުށައަޅާ މަޢުލޫމާތުގެ ސައްހަކަން ދެނެގަތުމަށް ވަގުތު ހޭދަވާނެ. އަޅުގަނޑުމެން ބަލާނަން ވަރަށް ރަނގަޅަށް، އެމީހާގެ ނަންމަތީގައި އިތުރު ތަނެއް ރާއްޖޭގެ އެއްވެސް ރަށެއްގައި އެބައޮތްތޯ." ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން އަދި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމާއި ގުޅޭ.
— Ministry of Construction, Housing & Infrastructure (@MoCImv) January 18, 2026
ޕޯޓަލް: https://t.co/RmhurERkNa
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު… pic.twitter.com/qapxWwCgpt
މިސްކީމުގެ ދަށުން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.
ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްޞަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާ 1،500 ގޯއްޗެވެ.
މިފަހަރު ފްލެޓަށް އެދި ހުޅުވާލުމުގައިވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ޚާއްޞަ ކެޓަގަރީތައް ހިމެނެއެވެ. ޚާއްޞަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.
ވަޒީރު ވިދާޅުވީ، އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް ފުރަތަމަ ނެރޭނީ ވަގުތީ ލިސްޓު ކަމަށެވެ. ދާއިމީ ލިސްޓެއް ނެރޭނީ ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ.
މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ހުށަހެޅުމާ ގުޅޭ މަޢުލޫމާތާއި އުސޫލުތަކާއި ޝަރުތުތައް އެވުޒާރާގެ ސޯޝަލް މީޑިއާގެ އިތުރުން ގެޒެޓު މެދުވެރިކޮށް ލިބޭނެއެވެ.