ޚަބަރު

މިމަހު އަތޮޅު ހޮސްޕިޓަލުތަކަށް ލޯންޗު ފޮނުވައި ނިމޭނެ: ވަޒީރު ނާޠިމް


  • 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެސްފައި

  • މިއާއެކު ރަށްރަށުގައި ބަލިމީހުން ބެލުމުގެ އިންތިޒާމްތައް ފަސޭހަވާނެ

އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މިމަހުގެ ނިޔަލަށް ފޮނުވައި ނިމޭނެކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވެއްޖެެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ހެލްތު ލައިންއަށް އިތުރުކުރެވޭ 7 ލޯންޗްއާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުންނެއެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ އަތޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އެންމެ މުހިންމު ސިޔާސަތަކީ އަތޮޅު ހޮސްޕިޓަލްތަކުން ސިއްޙީ މަރުކަޒުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލުގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުން އަތޮޅުގެ އެކި ރަށްތަކަށް ޒިޔާރަތްކުރުމަށް މީގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ވަޒީރު ވިދާޅުވީ މިކަން ހަރުދަނާކޮށް ގެންދިޔުމަށްޓަކައި ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި އަދި ރީޖަނަލް ހޮސްޕިޓަލެއްގައިވެސް ދަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމުކަމެއްކަމަށެވެ. އެގޮތުން ސިއްޙީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ލޯންޗު ލިބިފައި ނެތް އަތޮޅުތަކަށް ލޯންޗު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ލޯންޗު ލިބިފައިނެތް 7 އަތޮޅެއްގެ ލޯންޗު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެގޮތުން މިމަހުގެ ނިޔަލަށް ލޯންޗު ނެތް ހުރިހާ އަތޮޅަކަށް ލޯންޗު ފޮނުވައި މަސައްކަތް ނިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިޖަނަވަރީ މަސް ނިމުމުގެ ކުރިން މި ދެންނެވި 7 އަތޮޅަށް ލޯންޗު ފޯރުކޮށްދެވޭނެ. މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު އެއީ ހުވަދު އަތޮޅުގެ ވަރަށް އަވަހަށް ދާލު އަތޮޅަށްވެސް ފޯރުކޮށްދެވޭނެ. ބާކީ އިން 4 އަތޮޅުތަކަށް މިމަސް ނިމުގެ ކުރިން ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން އަޅުގަނޑުމެން އައުޓްރީޗް ޕްރޮގްރާމްތައް މިގެންގުޅޭ މަސައްކަތައް ލުއިކަން ލިބިގެންދާނެ. ހާއްސަކޮށް ސީ އެމްބިއުލާންސް ނުލިބިގެން އުޅޭ ހާލަތެއްގައި ކުރަން ޖެހޭ ދަތުރުތައް މި ލޯންޗުތަކުން ކުރެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަކީ ދިވެހިރާއްޖޭގެ ޞިއްހީދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ތަފާތު ޚިދުމަތްތަކުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި އަތޮޅުގެ ރައްޔިތުންނަށް ލިބިދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސިއްހީ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށް 7 ލޯންޗެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި އެ ވުޒާރާއި ގުޅިގެން ކުރިޔަށްގެންދާ، އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ކުރިއަށްދާކަމެއްކަމަށެވެ.

މި ލޯންޗްތަކަކީ އަތޮޅު ހޮސްޕިޓަލްތަކުގެ އައުޓްރީޗް ޕްރޮގްރާމްތަކުގެ ތެރެއިން ދެވޭ ޚިދުމަތްތައް އެހެނިހެން ރަށްރަށް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށާއި، ވެކްސިން ރަށްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި އަދި ލެބޯޓްރީ ސާމްޕަލް ލެބޯޓްރީ ނެތް ރަށްރަށުން އެޚިދުމަތް ލިބޭ ރަށްރަށް ގެންދިއުމަށް ބޭނުންކުރެވޭނެ އުޅަނދު ތަކެކެވެ. މީގެ އިތުރުން މި އުޅަނދުތައް ތައްޔާރުކުރެވިފައިވަނީ އެމަރޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލަންޖެހިއްޖެ ޙާލަތެއްގައި އެކަމަށް ބޭނުންކުރެވޭނެފަދަ ގޮތަކަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގެންނަށް ހަމަޖެހިފައިވާ 7 ލޯންޗްގެ ތެރެއިން 3 ލޯންޗެއް މިހާރުވަނީ މާލެ ގެނެވިފައެވެ. އެޕްވެކްސް ޕްރޮޖެކްޓްގެ ދަށުން ގެނެވޭ ލޯންތަކާއެކު، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗްތައް ފޯރުކޮށްދެވިގެންދާނެއެވެ. އަދި ޖުމްލަކޮށް ޞިއްޙީދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މިގޮތުން އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ އެކި ޚިދުމަތްތައް އަވަސްކަމާއެކު އަތޮޅުގެ ރަށްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެހި، ޚާއްޞަ ދާއިރާތަކުގެ ޑޮކްޓަރުން އައުޓްރީޗް ޕްރޮގްރާމްތަކުގެ ދަށުން ރަށްތަކުގައި ބަލިމީހުން ބެލުމުގެ އިންތިޒާމްތައް ފަސޭހައިން ހަމަޖެހިގެން ދާނެކަމަށް ސިއްހީ ވުޒާރާއިން ވިދާޅުވިއެވެ.

މޯލްޑިވްސް ހެލްޕް ލައިންގެ ދަށުން މަލްޓިޕަރޕަސްކޮށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ 20 ސްޕީޑް ލޯންޗް 20 އަތޮޅަށް ފޯރުކޮށްދޭނެއެވެ. ހުރިހާ އަތޮޅަކަށްވެސް ފޯރުކޮށްދެނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެވެ. ނަމަވެސް ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ބޯޓްތަކެއްކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.