މާލޭސީޓީގައި ކުނި އުކާލައިދޭ އަގުތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރެޝަން ލިމިޓެޑް، ވެމްކޯއިން ކަނޑައަޅައިފިއެވެ.
މާލޭ ސަރަހައްދުގެ ކުނި މެނޭޖްކޮށް ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރެޝަން ލިމިޓެޑް ވެމްކޯއިން މިހާރު ގެންދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން، މާލެ ހުޅުމާލެ އަދި ވިމިލާމެއަށް ހާއްސަކޮށްގެން ވެހިކަލްތައް ގެނައުމުގެ މަސައްކަތް އެކުންފުނިން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މި ޚިދުމަތް ދެއްވުމުގެ ގޮތުން މިކަމަށް ބޭނުންކުރާނެ ވެހިކަލްތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމާށާއި މިއަހަރު ޑިސެމްބަރު މަހުގެ ކުރީކޮޅު މި ޚިދުމަތް ފޯރުކޮށްދެއްވޭނެކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދު ވިދާޅުވީ، މާލޭ ސަރަހައްދުގެ ރައްޔިތުން ކުނި އުކާލުމަށް ކުރާ ޚަރަދަކީ ކޮބައިތޯ ބަލަން ސަރވޭއެއް ކުރައްވާފައިވާކަމަށާއި މި ސާރވޭއިން ދައްކާގޮތުން ކުނި އުކާލުމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ އަގުތައް އުޅެނީ ކޮންމެ މަހަކު ސަތޭކަ ރުފިޔާއާއި ދުއިސައްތަ ރުފިޔާއާއި ދެމެދުގައި ކަމަށެވެ. މި ސަރވޭއަށް ބެއްލުމަށްފަހު އެކުންފުނިން މާލޭގެ ކުނި އުކާލެއްވުމުގެ ޚިދުމަތް ދޭ ގޮތަކަށް ނިންމަވާފައިވާކަމަށް ފުޢާދު ވިދާޅުވިއެވެ. އެއީ ގޭގެ ތިރީ ޑަސްބިން ބަހައްޓައިގެން ކުނި އުނި އުކާލަދޭނަމަ ސަތޭކަ ރުފިޔާއެވެ. އަދި ގޭގެއަށް ވަދެ ކުނި ނަގައިގެން އުކާލަދޭ ނަމަ ސަތޭކަ ފަންސާސް ރުފިޔާކަމަށް އެކުންފުނިން ވަނީ ނިންމަވާފައެވެ. ފުއާދު ވިދާޅުވީ، ކޯޕަރޭޝަނަކުން މި ޚިދުމަތް ދޭނަމަ ދެމެހެއްޓެނިވި ގޮތަކަށް މި ޚިދުމަތް ފޯރުކޮށްދެއްވޭނެކަމަށެވެ.
img:http://s3.psmnews.mv/images/660x400/7681.jpg|މާލޭއިން އެއްކުރާ ކުނި ތިލަފުއްޓަށް ގެންދިއުމަށް ބޭނުންކުރާ ދޯންޏެއް / ފޮޓޯ: ޕީއެސްއެެމް
"މި ފީ ކޯޕަރޭޝަނަކުން ނަގައިގެން މިކަން ކުރާކަމަށް ވަންޏާ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ސަސްޓެއިނަބަލް މޮޑެލްއެއްގައި ކުރެވޭ ވަރުގެ ފީއެއް މި ދައްކަނީ. އެހެންވީމާ އަޅުގަނޑުމެންނަށް ޤަބޫލްކުރެވެނީ މި ފީގައި މިކަން ކުރެވިދާނެކަމަށް. ދެން އޮތީ ކޮންކަހަލަ ފައިދާއެއްތޯ ލިބިގެންދާނީ. މިސާލަކަށް ބައްވަލާ މާލޭގެ މަގުތައް. ބައްލަވާލެއްވީމަ ހަމަ ކޮންމެ ބޭފުޅަކަށްވެސް ފެނިވަޑައިގަންނަވާނެ ހަމަ ކޮންމެ މަގެއްގައިވެސް ކޮންމެސް ދިމާލެއްގައި ކުނިކޮތަޅެއް ވެއްޓިފައި ނޫނީ ކުނިކޮތަޅެއް ފަޅައިގެން ގޮސްގެން އެއްޗެހި ފައިބާފަ. އަޅުގަނޑުމެން މި ޚިދުމަތް ދޭ އިރު މިކަންތައް ހައްލުވެންދާނެ. އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބޭއްވުމަށް މަގުފަހިވެގެންދާނެ". ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދު ވިދާޅުވިއެވެ.
މި މަސައްކަތް ފެއްޓެވުމުގެ ގޮތުން ދިހަ ކޮންޕެކްޓަރ ޓްރަކާއި ވިހި ކޮންޓައިނަރ ފިކަޕްގެ އިތުރުން ސާޅީސް ޓަރައިސިކަލް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ގެންދަވަނީ ކުރައްވަމުންނެވެ. ކޮމްޕެކްޓަރ ޓްރަކްތަކަކީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ކޮމާޝަލް ބިޒްނަސްތަކަށް ހާއްސަ ކޮށްގެން އަދި ބޮޑެތި މަގުތަކުގައި ހުންނަ ގޭބިސީތަކުން ކުނި ކަލެކެޓް ކުރުމަށް ބޭނުން ކުރާނެ ވެހިކަލްތަކެކެވެ. އަދި މާލޭގެ މަގުތަކުގެ ހާލަތައް ބައްލަވައި މާލޭގައި މި ޚިދުމަތް ދެއްވުމަށް ބޭނުންކުރާނީ ޓްރައިސިކަލެވެ. ވެމްކޯއިން މާލޭގައި ކުނި އުކާލުމުގެ ޚިދުމަތް ދެއްވަނީ މާލެ ބާރަ ސަރަހައްދަކަށް ބައްސަވާލައްވައިގެނެވެ.