ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ މަހުގެ 24ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބ. ތުޅާދޫ އަދި ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކުރި ރޯހައުސްތަކަށް އެދި ފޯމު ހުށައެޅޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށްކަމަށެވެ. ފޯމު ހުށައެޅުމަށް ހުޅުވާލާފަވަނީ މިއަދުން ފަށައިގެން، 3 މަސް ދުވަހުގެ މުއްދަތަށެވެ.
އަތޮޅުތަކުގެ ރަށްތަކުގައި އަސާސީ ބޯހިޔާވަހިކަން އެން އުސޫލެއްގެ ދަށުން ދޫކުރުމަށް، އެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ސީދާ ވުޒާރާއިން ނެރޭ ގެދޮރުވެރިކަމުގެ އުސޫލާ އެއްގޮތަށެވެ.
މި އުސޫލު ބުނާގޮތުން މި ފްލެޓްތަކަށް، އެ ރަށްރަށުގެ ރަށްވެހިންނަށާއި އަދި ދިގު މުއްދަތަކަށް މި ރަށްތަކުގައި ދިރިއުމުންދާ މީހުންނަށްވެސް ކުރިމަތިލެވޭނެއެވެ. އެގޮތުން ރަށްވެއްސަކަށްވުން ނުވަތަ ހިޖުރަކޮށް މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރުވެފައިވާ ފަރާތްތަކަށްވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެއެވެ. އަދި ޔުނިޓްތަކަށް އެދޭ ފަރާތުގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮވެގެން ނުވާނެއެވެ.
އުމުރުން 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭނެއެވެ.
ޕޮއިންޓް ދިނުމުގައި ބަލާނީ ޢާއިލާގެ ކުޑަބޮޑު މިނާއި ދިރިއުޅުމުގެ ޙާލަތަށެވެ. އަދި މަސް ދުވަހަށް ޖެހޭ އާމްދަނީ 60،000އަށްވުރެ އިތުރަށް ލިބޭ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
އަދި ރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުން، ރަށުގައި ދިރިއުޅެމުންދާ މުއްދަތު ބަޔާކޮށް އެކަމާ ގުޅޭ ރަސްމީ ލިޔެކިޔުންތައް ހުށަހަޅާން ވާނެއެވެ.
އައު އުސޫލުގައި ބުނާގޮތުން ދަރިން ނުލިބޭ މީހުންނަށްވެސް ޕޮއިންޓް ދޭނެ މިންގަނޑެއް ވަނީ ކަނޑައަޅާފައެވެ. މިފަދަ މީހުން ސިއްޙީ ޙާލަތު ބަޔާކޮށް، ސިއްޙީ އިދާރާއަކުން ހޯދާފައިވާ ލިޔެކިޔުން ހުށައެޅޭނެއެވެ.
ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އުސޫލު އަދި ޕޮއިންޓް ދޭނެ ތަފްސީލީ އޮނިގަނޑު، ގެޒެޓުގައި އާއްމުކޮށްފައިވާއިރު، މި ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ. ރޯހައުސްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ހައުސިން ޔުނިޓްތަކަކީ 2002 އަކަފޫޓުގެ ބިމުގައި، އިމާރާތް ކުރެވޭ އޭރިއާ 1204 އަކަފޫޓަށް ހުންނަގޮތަށް އިމާރާތްކޮށްފައިވާ ޔުނިޓްތަކެވެ. އިމާރާތްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައްވެސް ނިންމުމަށްފަހުގައެވެ. މީގެތެރެއިން ވިލުފުށިން ދޫކުރުމަށް ތައްޔާރުވެފައިވާ ރޯހައުސްތަކަކީ 2011ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން އޭރު ފެށި މަސައްކަތްތަކެވެ. މަސައްކަތް ނުނިންމުމުގެ ސަބަބުން ފަހުން އެ މަސައްކަތް އެހެން ކޮންޓްރެކްޓަރަކާ ހަވާލުކުރިއެވެ.
ވިލުފުށި އަދި ތުޅާދޫގައިވެސް މިހާރު ކުރިއަށްދަނީ ހައުސިންގ ޔުނިޓްތަކަށް ޔުޓިލިޓީ ޚިދުމަތްތައް ގުޅުމުގެ މަސައްކަތެވެ. މި ފްލެޓްތަކަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށެވެ.