ޚަބަރު

ބިދޭސީން ދަތުރުކުރާއިރު މުއްދަތު ހަމަނުވާ އީ ވިސާއެއް އޮތްތޯ ކަށަވަރުކުރަން އެދިއްޖެ


  • އީވިސާގެ ޚިދުމަތް ބޭނުންކުރަން ފެށީ ނޮވެންބަރ 23ގައި

  • ބިދޭސީންގެ އީވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވޯކްޕާމިޓުގެ މުއްދަތަށް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ކުރިންނާއި އަދި އެނބުރި ރާއްޖެ އައުމުގެ ކުރިން، މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ޢިލްތިމާސްކޮށްފިއެވެ.

ރާއްޖޭގައި އީވިސާގެ ޚިދުމަތް ބޭނުންކުރަން ފެށީ، މިދިޔަ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ރާއްޖެއަކީ، މިސަރަހައްދުގައި އީ ވިސާގެ ޚިދުމަތް ތަޢާރަފް ކުރި ފުރަތަމަ ޤައުމެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވިސާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކޮށްފައިވާ ކަމަށެވެ. އަދި އީވިސާގެ ޚިދުމަތް ތަޢާރަފު ކުރުމާއި ގުޅިގެން ބިދޭސީންނަށް ވިސާ ދޫކުރުމާ ގުޅޭ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މީގެއިތުރުން ވާކް ޕާމިޓު ލިބިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާކް ވިސާއެއް އޮތް ނަމަވެސް ވާކް ވިސާގައި ރާއްޖެއަށް އެތެރެވުމުގެ އިތުރުން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީވިސާއެއް އޮވެގެން ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އަލަށް ވާކް ޕާމިޓު ލިބިގެން ރާއްޖެ އަންނަ ބިދޭސީއެއްނަމަ އެ ބީދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް"އެއް ލިބުމުންނެވެ.

އިމިގްރޭޝަނުން ވަނީ، އީ ވިސާއާއި ގުޅޭ ކަންކަމުގައި ސަމާލުވުމަށް ޢިލްތިމާސްކޮށްފައެވެ. އޭގެތެރޭގައި ވާކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާކް ވިސާއެއް އޮތް ނަމަވެސް އެ ބިދޭސީއެއްގެ ވާކް ވިސާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން ވިސާގެ މުއްދަތު އޮތްތޯ ކަށަވަރު ކުރުމަށް އެދިފައިވެއެވެ. އަދި މިކަމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތް ކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވެފައިވާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އީ ވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވާކް ޕާމިޓުގެ މުއްދަތަށް ކަމަށެވެ.

މިމުއްދަތުގެ ތެރޭގައި ވާކް ވިސާގެ މަރުހަލާ ފުރިހަމަ ނުކުރެވި ރާއްޖޭން ފުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ބިދޭސީއެއްގެ ވާކް ޕާމިޓުގައި މުއްދަތު އޮތްނަމަ އެފަދަ ބިދޭސީއަކަށް ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނެއެވެ. މިފަދަ ހާލަތްތަކުގައި ވާކް ވީޒާގެ މަރުޙަލާ ފުރިހަމަނުކޮށް ރާއްޖޭން ފުރައިގެން ދެވޭނީ ރާއްޖެއަށް އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި 01 ފަހަރުއެވެ.