ތިމާވެށި

މާލެ ކުނި މެނޭޖްކުރަން ޑިސެމްބަރުމަހު ފެށޭނެ- ވެމްކޯ


މާލޭ ސަރަޙައްދުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް މި އަހަރުގެ ޑިސެމްބަރުމަހު ފެށޭނެކަމަށް، ސަރުކާރުން މި މަސައްކަތް ހަވާލު ކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް ވެމްކޯއިން ބުނެފިއެވެ. 

މި ޚިދުމަތް ފެށުމަށް ބޭނުންވާ ވެހިކަލްތައް ގެނައުމަށް ވެމްކޯއިން މިއަދުވަނީ، ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮމްޕައިން ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުއާދު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މާލޭ ސަރަޙައްދުގެ ކުނި އުފުލުމަށް 10 ކޮމްޕެކްޓަރ ޓެރަކް ގަތުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، 20 ކޮންޓެއިނަރ ޕިކަޕާއި 40 ޓްރައިސިކަލް ގެނައުމަށް ހަމަޖެހިފައިވެއެވެ.  

img:http://s4.psmnews.mv/images/660x400/14732423296592.jpg|ވެމްކޯއަށް ބޭނުންވާ ވެހިކަލް ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ފުއާދު ވިދާޅުވީ، މާލޭ ސަރަޙައްދުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ކުރަމުންދާކަމަށެވެ. 

"އަޅުގަނޑުމެން މިއެއްޗެހި އުފުލާނީ ބަންދުކޮށްފަހުރި ކޮންޓެއިނަރ ތަކެއްގައި. ޓްރައި ސައިކަލްގައި ކޮންޓެއިނަރއެއް އިންނާނީ. ޑަސްބިނެއް އިންނާނީ. ކޮންޓެއިނަރ ޕިކަޕްތައް ހުންނާނީ ބަންދުކުރެވަ. އީޕީއޭއިން ހެދިފައިވާ ޤަވާއިދުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ވެހިކަލްތައް ހުންނާނީ. އަޅުގަނޑު މި ދައްކަނީ މިއަދު މި ސޮއިކުރެވުނު ކޮންޕެކްޓަރ ޓްރެކަކީ އެނގިލައްވާނެ ހަމަ ބަންދު ކުރެވިފައި ހުންނާނީ. އެހެންވީމާ މަގުމަތިން އެ އުފުލާއިރު ދިމާވާ ދަތިތައް މިސާލަކަށް ވަސް ކަމުގައި ވިޔަސް މަގުތަކަށް ކުނިއެޅުން ކަމަށް ވިޔަސް މި ހުރިހާ ކަމެއް ހުއްޓިގެންދާނެ" ފުއާދު ވިދާޅުވިއެވެ.