މިއަހަރުގެ ޖުލައި 28އިން ފެށިގެން ދުންފަތުގެ އެކި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ، ޞިއްޙަތުގެ އިންޒާރު ޖަހައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް އަދި ރާއްޖޭގައި ވިއްކާ ފަރާތްތަކުން ޢަމަލު ކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ޤަވާއިދުގެ ދަށުން ލާޒިމު ކުރާ، ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމާއި، ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިހާރު ޢަމަލު ކުރަމުންދާ އުސޫލަށް ނިމިދިޔަ އަހަރުގެ ޖުލައި 29 ގައި ގެނެސްފައިވާ 1 ވަނަ އިސްލާޙުގައި ހިމެނޭ ބަދަލުތަކަށް ޢަމަލުކުރުން ލާޒިމުވާ ސުންގަޑި މިއަހަރުގެ ޖުލައި 28 އަށް ފަސްކޮށްފައިވާ ކަމަށެވެ. މީގެކުރިން މިޤަވާއިދަށް އަމަލުކުރުމަށް ނިންމާފައިވަނީ، މިމަހުގެ 28 ގައެވެ. އަދި މިއިސްލާޙުގައިވާ ގޮތުން އެ ބާވަތްތަކެއްގައި ޞިއްޙަތުގެ އިންޒާރު ޖެހުމަށް އަލަށް ކަނޑައަޅާފައިވާ ދުންފަތުގެ ބާވަތްތައް، އެތާރީޚުން ފެށިގެން ރާއްޖެއަށް އެތެރެ ކުރެވޭނީ އަދި ވިއްކޭނީ ޞިއްޙަތުގެ އިންޒާރު ޖަހައިގެން ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.
ޞިއްޙަތުގެ އިންޒާރު ނުޖަހާ، ކުރިން އެތެރެ ކޮށްފައިވާ މިފަދަ ބާވަތްތައްވެސް ޖުލައި 27 ގެ ފަހުން ވިއްކުން ހުއްދައެއް ނުވާނެއެވެ. އެހެންކަމުން އިންޒާރު ނުޖަހާ އެތެރެކުރުން މިހާރު ހުއްދަ ނަމަވެސް އެމުއްދަތުގެ ނިޔަލަށް ވިއްކާ ޚަލާސް ކުރަން ޖެހޭނެތީ މިކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވިދާޅުވީ، ޞިއްޙަތުގެ އިންޒާރު ޖަހަންޖެހޭ ސުންގަޑި ފަސްކުރި ނަމަވެސް، އެ ތާރީޚުގެ ކުރިން ޞިއްޙަތުގެ އިންޒާރު ޖަހައިގެން އެތެރެ ކުރުމަކަށް އަދި ވިއްކުމަކަށް މި ގެނައި ބަދަލުން ހުރަހެއް ނާޅާ ކަމަށެވެ.
މިދިޔަ ޑިސެމްބަރ މަހު ވަނީ، ރަޖިސްޓަރޑް ޓޮބޭކޯ ޕްރޮޑަކްޓްސް ލިސްޓެއް އާންމުކޮށްފައެވެ. މި ލިސްޓުގައި ހިމެނޭނީ، ޤަވާއިދަށް ޢަމަލު ކުރަން ފެށި ތާރީޚުގެ ކުރިން ކަނޑައެޅޭ މުއްދަތެއްގައި އެތެރެކޮށްފައިވާ ދުންފަތުގެ ހުރިހާ ބާވަތްތަކާއި، އޭގެފަހުން، އެތެރެ ކުރުމަށް ޤަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރާ ބާވަތްތަކެވެ.
ދުންފަތުގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވާރސް ހިމެނޭ ބާވަތްތަކާއި، ޕެކެޓުގައި ތަކެތި ހުންނަ ޢަދަދާއި، އުފެއްދި ޤައުމަށް ބަލާ، ތަފާތު އައިޓަމެއްގެ ގޮތުގައި މިހާރުގެ ލިސްޓުގައި ވަނީ ހިމަނާފައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޑިސެންބަރު 22 ގައި އަދާ ހަމަކުރި ލިސްޓުގައި، އަލަށް ރަޖިސްޓްރީ ކުރާ ދުންފަތުގެ ބާވަތްތައް ލިސްޓުގައި ހިމަނާއިރު، އެއް ބާވަތެއްގެ އެއް ބްރޭންޑެއްގެ ތަފާތު ފްލޭވަރސް އެތެރެކުރި ނަމަވެސް ފްލޭވަރސްއަށް ބަލައި ވަކިން ރަޖިސްޓްރީ ކުރުން ލާޒިމު ނުވެއެވެ. އެހެންކަމުން ތަފާތު ބާވަތެއްގެ ގޮތުގައި ލިސްޓުގައި ހިމަނާއިރު، އެއީ ވަކި އައިޓަމެއްގެ ގޮތުގައި ބަލައި ހިމަނާނީ، ދުންފަތުގެ އެ ބާވަތެއް ނިޞްބަތްވާ ބާވަތް ނުވަތަ ކެޓަގަރީ (ސްމޯކިން، ސްމޯކްލެސް، ހީޓެޑް ޓޮބޭކޯ، އެހެނިހެން) އާއި، ބްރޭންޑް އަދި އުފެއްދި ޤައުމު އެއްގޮތްވާނަމައެވެ.
އަދި މިއިން އެއްވެސް ބައެއް ތަފާތުވާނަމަ، ވަކިން ރަޖިސްޓްރީކޮށް ވަކި އައިޓަމެއްގެ ގޮތުގައި ލިސްޓު ކުރަން ޖެހެއެވެ.
މިބަދަލާއެކު، ދުންފަތުގެ އެއް ބާވަތެއްގެ އެއް ބްރޭންޑަކަށް ނިސްބަތްވާ ތަފާތު ފްލޭވަރސް ވަކިން ރަޖިސްޓްރީ ކުރަން ނުޖެހުނު ނަމަވެސް، ތަފާސް ހިސާބުގެ ބޭނުމަށްޓަކައި، ދުންފަތުގެ އެއްވެސް ބާވަތެއް އެތެރެ ކުރާއިރު، އެ ބާވަތަކީ ފްލޭވަރސް ހިމެނޭ ބާވަތެއްނަމަ، ތަކެތި އެތެރެ ކުރާ މަރުޙަލާގައި އެ މަޢުލޫމާތު ހިމެނޭ ލިޔެކިއުންތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.