މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ. މަރުކަޒީ ބޭންކުގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %87 އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025ވަނަ އަހަރުގެ ޖަނަވަރީ އިން ނޮވެމްބަރ މަހުގެ ނިޔަލަށް މައިގަނޑު ހުރިހައި ބާވަތްތަކެއްގެ މަހުގެ އުފެއްދުންތައްވެސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. 2025ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ރާއްޖެއިން ވަނީ 69،564 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 37،213 މެޓްރިކް ޓަނުގެ މަހެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން 2025 ވަނަ އަހަރު ފިނިކުރި ނުވަތަ ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކޮށްފައިވާ މަހުގެ އަދަދު ވަނީ %105 އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ގަނޑުކުރި މަހުގެ ގޮތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 61،281 މެޓްރިކް ޓަނުގެ މަހެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 29،910 މެޓްރިކް ޓަނުގެ މަހެވެ.
ދަޅުގައި ނުވަތަ ޕައުންޗްގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މަހުގެ އަދަދުވެސް މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން ދަޅުގައި އަދި ޕައުންޗްގައި ބަންދުކޮށްގެން 5،788 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 5،289 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %9.4 އިތުރުވުމެކެވެ.
ޕްރޮސެސްކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދުވެސް 2025 ވަނަ އަހަރު ވަނީ %34.9 އިތުރުވެފައެވެ. 2025 ވަނަ އަހަރު މި ބާވަތުން އެކްސްޕޯޓްކޮށްފައިވަނީ 1745 މެޓްރިކް ޓަނުގެ މަހެވެ.
ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.