ޚަބަރު

ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


  • މަސައްކަތް ފައްޓަވާދެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު

ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި ރަސްމިއްޔާތުގައި ނަޑެއްލާ ކައުންސިލް ރައީސް، ކައުންސިލް މެމްބަރުން އަދި އެރަށު ރައްޔިތުން ބައިވެރިވިއެވެ.

ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން ހެޕީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން 82،080 މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމާއި، 19،600 މީޓަރު ވެލި އައު ނެރުން ކޮނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، 3،900 މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނުމާއި، 16،000 މީޓަރު ވެލި މިހާރުގެ ނެރުން ކޮނުމުގެ އިތުރުން، 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 105 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން، އަދި ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާއި ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިއީ 78.65 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.