ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ނަމުގައި އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ސްކީމެއް ތައާރަފްކޮށްފިއެވެ.
މި ފައިނޭންސިންގެ މަޤުސަދަކީ މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިސްކީމުގެ ސަބަބުން ވިޔަފާރިތަކަށް ބޭނުންވާ ހަރު މުދާ ގަތުމަށާއި، އާމްދަނީ އިތުރު ކުރުމަށް އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރު ކުރުމަށާއި ވިޔަފާރި ފުޅާކުރުމަށް އައު އައުޓްލެޓްތައް ހުޅުވުމަށްވެސް މި ފައިނޭންސިންގ ބޭނުން ކުރެވިދާނެއެވެ.
މި ފައިނޭންސިންގެ ދަށުން އެއްވެސް ރަހުނަކާ ނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ. ވިޔަފާރިތަކަށް ލުއިފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުޞަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ތަރައްޤީކޮށް، ކުރިއަށް އޮތް މަރުޙަލާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ ކަމަށެވެ.
"ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެ. މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ތަރައްޤީކޮށް، ކުރިއަށް އޮތް މަރުޙަލާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ. މިއީ، އުފެއްދުންތެރިކަން އިތުރު ކުރުމަށާއި އައު މާކެޓްތަކަށް ވަނުމަށާއި އަދި އައު އައުޓްލެޓްތައް ހުޅުވައި ވިޔަފާރީގެ ކުރިމަގު އުޖާލާ ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް. އަދި މީގެ ހެޔޮ އަސަރު މުޅި އިޤްތިސާދަށް ކުރާނެ ކަމަށް ލަފާކުރެވޭ" ބަދުރުއްދީން ޙަސަން ވިދާޅުވިއެވެ.
މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ، އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.