ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު އުފެއްދުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން ދަނީ، ރޯދަ ހަދިޔާ ދެމުންނެވެ. މިދިޔަ އަހަރުގެ ރޯދަމަހެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ. އެކަމުގެ ތައްޔާރީތައްވެސް މިހާރު ވަނީ ފަށާފައެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން އެވުޒާރާގެ ޒިންމާގެ ދަށަށް އައީ އެންމެ އެކަށީގެންވާ ގޮތައް އެކަން ތަރުތީބު ނުކުރެވި އޮތް ހާލަތެއް މެދުވެރިވި ވަގުތެއްގައި ކަމަށެވެ. ނަމަވެސް ވުޒާރާގެ ދަށަށް ޒިންމާ އައުމާއިއެކު 2 ދުވަހެއްގެ ތެރޭގައި ދިމާވި ދަތިތަކުން އަރައިގަނެވި މަސައްކަތް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށް ދިޔަ ކަމަށެވެ.
އަދި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށާއި، އެކަމަށްޓަކައި ވަރަށް ފުރިހަމައަށް މިފަހަރު ތައްޔާރުވަމުންދާ ކަމަށެވެ. ވަޒީރު ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ %75 މަސްދަޅު މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.
" އެއިރުގައި އަޅުގަނޑުމެންނަށް ދިމާވި އަނެއް ގޮންޖެހުން ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މަސްދަޅު ބަހަން ޖެހުނު އިރުގައި ދުރާލާ ތައްޔާރުވެފައި ނެތުމުގެ ސަބަބުން އެންމެ އެކަށީގެންވާ ވަރަކަށް މަސްދަޅުތަކެއް ނެތް އެއިރު ތައްޔާރު ކުރެވިފައެއް. އެހެންވީމަ އެ ހުރިހައި ކަމަކަށް ރިއާޔަތް ކޮށްގެން އެފަހަރު މަސައްކަތް ކުރަން ޖެހުނީ. އެކަމުގެ ތަޖުރިބާގެ އަލީގައި މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭގޮތުން ޚާއްޞަކޮށް މިފްކޯއިން އެކަމަށް ބޭނުންވާ ގާތްގަނޑަކަށް %75 ވަރަކަށް ބޭނުންވާ މަސްދަޅު މިހާރުވެސް އެހުރީ ތައްޔާރު ކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކަމާގުޅުން ހުރި އިދާރާތަކާއި، ކުންފުނިތަކާއިއެކު ވަރަށް ގާތުން މިމަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މިމަހުގެ 15 އާއި ހަމައަށް އަންނައިރު، މަސައްކަތް އާންމުންނާއި ހަމައަށް ތިލަކޮށް، މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ ތައްޔާރީތައް އާންމު ކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
ކުރިއަށް އޮތް ރަމަޟާން މަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ދޭއިރު، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ، 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.