ޚުޠުބާގެ މަޢުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ، މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރުކުރުމަށްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގެ އިމާމުން ނޫންކަމަށެވެ. އަދި އަމިއްލައަށް ނުބަލާ ޚުތުބާ ދިނުމުގެ ގާބިލްކަން ހުންނަނީ ވަރަށް މަދު ޢިލްމުވެރިންނަށްކަން ފާހަގަކުރައްވާ އެކަމަށް މިހާރުވެސް ހުއްދަ އޮންނަކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެފަދައިން ޚުޠުބާ ދެއްވާ ބައެއް ބޭފުޅުންވެސް ޚުޠުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަޙަތަކަށް ގެއްލުންވާކަމަށެވެ. އަދި ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެކަމަށެވެ. އެހެންކަމުން، ޚުޠުބާގެ މަޢުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރުކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ޚުޠުބާގެ ކަންތަކުގައި ޢަމަލު ކުރަމުން މި ދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޚުތުބާގެ ކަންތަކުގައި ރާއްޖެއިން ޢަމަލުކުރަމުންދަނީ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް، ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމަށެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ޚުޠުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅަށްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި އެކަން އެގޮތަށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޑރ. އަޙްމަދަށް ވަރަށް އިޙްތިރާމް ކުރަން. ތިކަމާ ދެންނެވޭނީ ތިޔައީ ރަނގަޅު ވިސްނުމެއް ނޫންކަން. ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 2, 2026
ވަރަށް މަދު ޢިލްމުވެރިޔަކަށް އަމިއްލައަށް ނުބަލާ ޚުޠުބާ ދިނުމުގެ ޤާބިލްކަން ހުންނަނީ. އެކަމަށް… https://t.co/NeLAklAWfv
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަށް މިހާތަނަށް 600 އެއްހައި ހިޔާލު ލިބިފައިވާއިރު، އެކި ފަރާތްތަކުން ވަނީ ޚުޠުބާ ލިއުމަށް ފެންނަ މަޢުޟޫތައް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އިޖްތިމާޢީ އެކި މައްސަލަތަކާއި، ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޢުޟޫތަކުގެ އިތުރުން ޒުވާނުންނަށް މިހާރު ދިމާވެފައިވާ އެކި މައްސަލަތަކާއި ގުޅޭ މަޢުޟޫތައް ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަށް ހުށަހަޅާ މަޢުޟޫތަކުގެ ތެރެއިން އެންމެ ގިނަ ފަރާތްތަކަށް ކަމުދާ މަޢުޟޫޢު އިޙްތިޔާރު ކޮށްދިނުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
އިސްލާމީ ކަންތައްތަކަބެހޭ ވުޒާރާއިން ރާއްޖޭގެ މިސްކިތްތަކުގައި ކިޔާ ޚުޠުބާ ތައްޔާރުކުރަނީ، އެއިރެއްގައި މުޖްތަމަޢު ތެރެއިން ފާހަގަކޮށްލެވޭ އިޖްތިމާޢީ ކަންކަމުގެ މައްޗަށެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ޚުޠުބާތައް ލިޔެއެވެ.