އަތޮޅުތައް

އުތުރުގެ ހަތަރު ރަށެއްގެ ހައުސިންގ ޕްރޮޖެކްޓްތައް ހުއްޓިފައި !


ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ހިންގަވާ ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުށްފުށްޓާއި، ދިއްދުއާއި، ހަނިމާދުއާއި، އަދި ނޮޅިވަރަންފަރުގައި ގެންދަވަނީ 811 ހައުސިން ޔުނިޓް ޢިމާރާތްކުރައްވަމުންނެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ، ނޫމަޑި ރިސޯޓް އެންޑް ރެސިޑެންސްއެވެ. 2011 ވަނަ އަހަރު ފަށްޓަވާފައިވާ މި މަޝްރޫޢުގެ ބޮޑު ބައެއް ނިންމުމަށްފަހު، މިހާރު ވަނީ މަސައްކަތްތައް މަޑުޖެހިފައެވެ.

އުތުރުގެ އެންމެ އާބާދީބޮޑު ކުޅުދުއްފުށީގައި 165 ރޯހައުސް ޢިމާރާތްކުރަމުން ގެންދެއެވެ. މި ރޯހައުސްތަކުގެ ތެރެއިން ބޮޑު ބައެއްގެ ޢަމަލީ މަސައްކަތް ނިމިފައިވިޔަސް، މަސައްކަތް ކުރިއަށް ގެންދިއުން ލަސްކަން ކުޅުދުއްފުށީ ކައުންސިލުން ފާހަގަކުރައްވައެވެ. ކުޅުދުއްފުށީ ކައުންސިލްގެ މެންބަރު ޢަލީ ހާޝިމް ވިދާޅުވީ، ހުރިހާ މަސައްކަތެއް ނިންމުމަށްފަހު، އެ ކައުންސިލާ ޙަވާލުކޮށްފައިވަނީ 18 ރޯ ހައުސްކަމަށެވެ. ބާކީ ހުރި ރޯހައުސްތަކުގެ ޢަމަލީ މަސައްކަތް 8 މަސްދުވަހަށް ހުއްޓިފައި އޮތުމަށްފަހު މިހާރު އަނެއްކާވެސް މަސައްކަތްތައް ފެށިފައިވާކަން ހާޝިމް ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14715962833399.jpg|ހދ. ކުޅުދުއްފުށި / މިރަށުގައި 165 ރޯހައުސް ޢިމާރާތްކުރަމުންގެންދޭ.

"އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި 2011 ވަނަ އަހަރު ފެށި މަޝްރޫޢެއް، ވަރަށް ބޮޑުބައެއް ނިންމުމަށްފަހު މަސައްކަތް ހުއްޓިފައި އޮތުމަކީ ވަރަށް ދެރަކަމެއް.. ރޯހައުސްތައް ލިބިފައިހުރި ފަރާތްތަކުން ވަރަށް ގިނައިން ޝަކުވާ ކުރޭ ލަސްވަމުންދާތީ.. 8 މަސް ދުވަހު އެއްވެސް މަސައްކަތެއް ނުފެށި އޮތުމަށްފަހު މިހާރު އެބަފެނޭ ކޮންމެވެސް ވަރަކަށް މަސައްކަތް ކުރިއަށްދާތަން.. ނަމަވެސް އެކަށީގެންވާ ބާރު މިނުގައި ނުދާކަން ފާހަގަކުރަން. 165 ރޯހައުސްގެ ތެރެއިން 60 ރޯހައުސްއަކީ ރަށުން ބޭރު މީހުންނަށް ޚާއްޞަކުރެވޭ ތަންތަން. އެހެންކަމުން އެންމެންގެވެސް އުންމީދަކީ ވީހާވެސް އަވަހަކަށް ގެތަކަށް ވަދެވޭނެ ގޮތެއް ވެގެންދިއުން" ޙާޝިމް ވިދާޅުވިއެވެ. 

ކުޅުދުއްފުށި ފިޔަވައި ދެން ހުރި ރަށްރަށުގައި ހަދަމުންދަނީ ހައުސިން ޔުނިޓެވެ. ދިއްދުއަށް ބަލާލާއިރު، އެރަށުގައި 250 ގެ ޢިމާރާތްކުރަމުންދެއެވެ. މީގެތެރެއިން ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ކައުންސިލާ ޙަވާލުކޮށްފައިވަނީ 50 ގެ ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝިނާން ވިދާޅުވިއެވެ. ބާކީ ހުރި 200 ގޭގެ މަސައްކަތް ނުނިމޭ ކަމަށާއި، އެ މަސައްކަތް ކުރެވެމުންދަނީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއެވެ. ހަނިމާދޫގައި ހަދަމުންދާ 236 ގޭގެ މަސައްކަތްވެސް ހުރީ ހުއްޓުމަކަށް އައިސްފައެވެ. އަދި ނޮޅިވަރަމްފަރުގައި ހަދަމުންދާ 160 ގޭގެ ތެރެއިން ބޮޑު ބައެއް ނިންމުމަށްފަހު މަސައްކަތްތައް ހުރީ މަޑުޖެހިފައެވެ.

img:http://s1.psmnews.mv/images/660x400/7524.jpg|މިނިސްޓަރ މުއިއްޒު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ / ފައިލް ފޮޓޯ: ހައުސިންގ މިނިސްޓްރީ

މަޝްރޫޢު ހުއްޓިފައިވަނީ ކޮން ސަބަބަކާ ގުޅިގެންތޯ ސުވާލުދެންނެވުމުން، ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހަތަރު ރަށުގައިވެސް މަސައްކަތް ހުއްޓިފައިވަނީ، ކޮންޓްރެކްޓަރަށް ދިމާވެފައިވާ ފައިސާގެ ދަތިކަމުގެ ސަބަބުން ކަމަށާއި، އެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"ތި ފާހަގަކުރެއްވި ގޮތަށް އުތުރުގައި ހަދަމުންދާ ގެތައް ނުނިމި ލަސްވަމުން އެބަދޭ. އެ މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމުމަށްފަހު އެ ގެތަކުގައި މީހުން އަބާދުކުރުމަށް އަޅުގަނޑުމެން އިސްކަންދެން. އެހެންނަމަވެސް މަސައްކަތް ހުއްޓިފައި މިވަނީ ފައިސާގެ މައްސަލައެއްގައި ކަމަށް ކޮންޓްރެކްޓަރ ބުނެފައިވަނީ.. އެ ފަރާތާ ވާހަކަދައްކައިގެން ގެތަކުގެ މަސައްކަތް ނިންމުމަށް ބާރުއަޅަމުން މިދަނީ." މިނިސްޓަރ ވިދާޅުވިއެވެ.

އުތުރުގައި ކުރިއަށް ގެންދަވާ ހައުސިން މަޝްރޫޢުތަކުގެ ބޮޑު ބަޔަކީ، ރޯހައުސްތަކާއި، ގެތައް ލިބޭ ފަރާތްތައް ކަނޑައެޅިފައިވާ މަޝްރޫޢެކެވެ. މަޝްރޫޢު ނުނިމި ގިނަދުވަސްވަމުން ދިއުމާއެކު، ގެތައް ލިބިފައިވާ ފަރާތްތަކާއި، އެ ރަށްތަކުގެ ކައުންސިލްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.