ޚަބަރު

މަޤާމުތައް އަދާކުރާ ރިޓަޔާޑް ފުލުހުންނަށް ޢިނާޔަތް ދިނުން ހުއްޓާލައިފި


  • އަލުން އެލަވަންސް ދޭނީ ރިޓަޔަރ ކުރުމަށްފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހު

  • ރިޓަޔަރ ކުރާ ފަރާތްތަކަށް އަލުން މަޤާމެއް ލިބިފައިވާނަމަ، އެކަން ފުލުހުންނަށް ލިޔުމުން އަންގަން ޖެހޭ

ފުލުހުންގެ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު އެހެން މަޤާމަކަށް އައްޔަން ކުރާ ނުވަތަ އިންތިޚާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް ހަދައިފިއެވެ.

ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސަށް އިސްލާޙު ގެނެސްފައިވާއިރު މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބައެއް މަޤާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަޤާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސްވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާރވިސްގެ ޤަވާއިދުތައް ބަދަލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ޢައްޔަން ކުރާ މަޤާމެއްގައި، ސަރުކާރުން ޢައްޔަން ކުރާ އެއްވެސް މަޤާމަކަށް ރިޓަޔަރޑް ބޭފުޅަކު ޢައްޔަންކޮށްފިނަމަ، ނޫނީވިއްޔާ އިންތިޚާބީ މަޤާމަކަށް ރިޓަޔަރޑް ބޭފުޅަކު އިންތިޚާބު ވެއްޖެނަމަ، އެ މަޤާމުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، އެ ރިޓަޔަރމަންޓަށް ލިބޭ އެލަވަންސް މެދުކެނޑޭ ގޮތަށް. އެހެންވީމާ، ޑަބަލްކޮށް ނުލިބޭ ގޮތަށް. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހޭނެ. މިއީވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް. އަދި އަޅުގަނޑުވެސް ހަމަ ވަރަށް ޤަބޫލުކުރާ ހަމައެއް. އެހެންވީމާ، ޑަބަލްކޮށެއް ނުލިބޭނެ. އިލެކްޓަޑް މަޤާމަކަށް، ނޫނީވިއްޔާ އެޕޮއިންޓަޑް މަޤާމަކަށް އައިސްފިނަމަ، އެއީ މިނިސްޓްރީއަކަށް ވިޔަސް، ކުންފުންޏަކަށް ވިޔަސް އަދި ދައުލަތުގެ އެހެން މުއައްސަސާއަކަށް ކަމުގައިވިޔަސް، އެ މުއްދަތުގެ ތެރޭގައި މެދުކެނޑޭނެ. އެހެންވީމާ، އެކަންވެސް މި ކުރަނީ ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައެވެ.

ފުލުހުންގެ ރިޓަޔާމަންޓް ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުގައި ވަނީ، މަހުން މަހަށް ދޭ ޢިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަޤާމަކަށް އިންތިޚާބުވެއްޖެނަމަ، ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އަތުވެއްޖެނަމަ، އެ މަޤާމުގައި ދެމިހުންނަ މުއްދަތެއްގައި އެ މީހެއްގެ ރިޓަޔާމަންޓް އެލަވަންސް މެދުކެނޑޭނެ ކަމަށެވެ. އަދި އެ އެލަވަންސް މެދުކަނޑާލުމަށްފަހު އަލުން އެލަވަންސް ދޫކުރާނީ ރިޓަޔަރ ކުރުމަށްފަހު އަދާކުރަން ފެށި ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހު ކަމަށް އިސްލާޙުގައިވެއެވެ.

ރިޓަޔަރ ކުރާ ފަރާތްތަކަށް އަލުން މަޤާމެއް ލިބިފައިވާނަމަ، އެކަން ފުލުހުންގެ އިދާރާއަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ވަޒީފާ ލިބުމުން އެކަން ނާންގައި އޮތުމުގެ ސަބަބުން، އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރމަންޓް ޢިނާޔަތް ދޫކުރެވިއްޖެނަމަ، ފުލުހުން އަންގާ ގޮތެއްގެ މަތިން ޕެންޝަން އޮފީހަށް އެ ފައިސާ އަނބުރާ ފޮނުވަން ޖެހޭނެ ކަމަށް ޤަވާއިދުގައިވެއެވެ.

ރިޓަޔަރ ކުރާ ފަރާތަކުން އެހެން ވަޒީފާއަކަށް ދިއުމަށްފަހު އެފަދަ ފަރާތަކަށް އެވަޒީފާއިން ވަކިިވާއިރު އިތުރު ރިޓަޔަރމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭނަމަ އެ ޕެކޭޖު އިޚްތިޔާރު ކުރަންވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ނަމަވެސް އޭގެފަހުން ފުލުހުންގެ ރިޓަޔަރމަންޓް ޢިނާޔަތް ނުލިބޭނެ ކަމަށް ފުލުހުންގެ ރިޓަޔަރމަންޓް ޤަވާއިދަށް ގެނައި އިސްލާޙުގައިވެއެވެ.