ޚަބަރު

ރައީސް ވިދާޅުވިގޮތަށް މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި


  • މިގޮތަށް ބަދަލުކޮށްފައިވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ބެލުމަށްފަހު

  • ވިޔަފާރިވެރިންގެ ހުރި އެހެން ކަންބޮޑުވުންތަކައްވެސް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވި

ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ މިކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާފައެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، ކްލިއަރެންސްގެ މަސައްކަތް މިހާރު އޮންނަނީ 18 ގަޑިއިރަށްކަމަށެވެ. ނަމަވެސް ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުމަށްބަލައި މިކަން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށެވެ.

"ކަސްޓަމްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތައް މިހާރު މިއޮންނަނީ ގާތްގަނޑަކަށް އެއް ޝިފްޓު ނޫނީ 2 ޝިފްޓު މިއޮންނަނީ ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިން މަސައްކަތް މިކުރަނީ. އެހެންވީމަ އެއީ 18 ގަޑިއިރުގައި އޮތުމުގެ ބަދަލުގައި 24 ގަޑިއިރަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ." ރައީސް ވިދާޅުވިއެވެ.

ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ހުރިހައި ޚިދުމަތްތައް، 24 ގަޑިއިރަށް މިހާރު ބަދަލުކޮށްފައިވާކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނޫނަސް ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކައް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޑެމަރޭޖް ނާރާގޮތައް ފްރީކޮށް އޮންނަ 80 ގަޑިއިރުވެސް 124 ގަޑިއިރަށް ބަދަލުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ޑެމަރޭޓް ދައްކަންޖެހޭ ވަގުތު 80 ގަޑިއިރަށް އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަރަށް ބޮޑަށް ޑެމަރޭޖްއެއް ދައްކަންޖެހި ބޮޑު އަދަދެއް އަތުން ދާކަމަށް ރައީސް ވިދާޅުވިއެވެ. އެއަރޕޯޓާއި ސީޕޯޓްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ވިޔަފާރިވެރިންނަށް ދެއްވާފައެވެ.