ރިޕޯޓް

ދައުލަތް ބަދުުނާމުކުރުމުން، ހުރިހާ ގެއްލުމެއް ރައްޔިތުންނަށް


1965 ވަނަ އަހަރު ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުނު ހިސާބުން، ދިވެހި ރައްޔިތުންނާއި ސަރުކާރުން ކުރި ބުރަ މަސައްކަތްތަކުން ދިވެރިރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އެ ޤައުމެއްގެ ރީތިކަމާއި، ސުލްޙަވެރިކަމަށް މަޝްހޫރު ޤައުމެއްގެ ގޮތުގައި ތަޢާރަފް ވެގެންދިޔައެވެ. މިއީ އެހާރުއްސުރެ އިސްލާމްކަމުގެ މަތިވެރި ނިޢުމަތަށްފަހު ދިވެހިން އެންމެ ފަޚުރުވެރިވާ އެއްކަންތަކެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާމެދު ހަސަދަވެރިވެގެން ތިބި ބައެއްގެ ރޭވުންތަކުން މުޅި ދިވެހިރާއްޖޭގެ ރީތިނަން ކިލަނބުކޮށް، ބޭރު ދުނިޔޭގައި ދިވެހިންގެ ޢިއްޒަތާއި ކަރާމާތް ބަރުބާދުކޮށްލުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުން ގެންދާކަން ފާހަގަކުރައްވައި އެފަދަ ގެއްލުން ހުރި ކަންކަން ނުކުރުމަށް ސަރުކާރުން ތަކުރާރުކޮށް ގެންދަވަނީ ގޮވާލައްވަމުންނެވެ. މިއީ ދިވެހި އެންމެހައި ރައްޔިތުން އެކަމަކަށް ހުޝިޔާރުވެ ތިބެންޖެހޭ ކަމެކެވެ. އިނގިރޭސިވިލާތުގައި ތިބެގެން ދިވެހިންގެ ބަޔަކު ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، މުޅި ދިވެހި ދައުލަތުގެ އެންމެހައި ބާރުތަކުގެ އަގުވެއްޓޭފަދަ ގޮތަކަށް ވާހަކަތައް ދައްކާ، އެ ވާހަކަތައް ދަނީ ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް އަންނަމުންނެވެ. ރާއްޖެއާމެދު އެފަރާތްތަކުން ދައްކާ ޙަޤީޤަތެއް ނެތް ވާހަކަތަކުގެ މައްޗަށް ބިނާކޮށް ބައިނަލްއަޤުވާމީ މަޝްހޫރު ނޫސްތަކުގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން އެކި ލިއުންތައް ދަނީ ޝާއިޢުކުރަމުންނެވެ. 

img:http://s2.psmnews.mv/images/660x400/14726682272851.jpg|ބަޔަކު ދަނީ ރާއްޖެ ބަދުނާމްކޮށް، އަލްޖަޒީރާގައި ޑޮކިއުމެންޓަރީއެއް ދެއްކުމަށް މަސައްކަތްކުރަމުން

ދިވެހި ދައުލަތުގެ ދުސްތޫރީ ނިޒާމު ބިނާވެގެންވާ ދިވެހި ސަރުކާރާއި، ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ އިސްބޭބޭފުޅުން ކޮރަޕްޓްވެ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފުވެފައިވާކަމަށް ބުނެ ސާބިތު ހެއްކެއް ޤަރީނާއެއް ނެތި ދައްކަމުންދާ ވާހަތަކުގެ ސަބަބުން ސީދާ އަދި ނުސީދާ ގެއްލުންވެސް ލިބޭނީ ދިވެހި ދައުލަތާއި ރައްޔިތުންނަށެވެ. ކިލަނބުވެގެން ދަނީ ދިވެހިރާއްޖޭގެ ރީތިނަމާއި ދިވެހިރައްޔިތުންގެ އަބުރާއި ކަރާމާތެވެ. މިއީ ސީދާ ދިވެހި ދައުލަތާއި، ދިވެހިންގެ އިޖްތިމާއީ، އިޤްތިޞާދީ އަދި ޤާނޫނީ ނިޒާމާ ދެކޮޅަށް ހިނގާ ޖަރީމާތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ ވަޒީރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ދިވެހިރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކަށް މީހުން ރެކްރޫޓްކުރާ ޤައުމެއް ކަމަށާއި، ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް އޮތްކަމަށް ތަކުރާރުކޮށް ބުނަމުން ގެންދިއުމާއި، ދޮގު މައުލޫމާތު ބޭރުޤައުމުތަކާއި، ބޭރުގެ މީޑިއާތަކުގައި ފަތުރައި ދިވެހިރާއްޖޭގެ ވެރިކަން ވެއްޓެނީކަމަށާއި، ސަރުކާރު ބަލިކަށިވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކުގެ އަސަރު ޓޫރިޒަމަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރާނެކަން ދިވެހި ސަރުކާރުގެ މުއައްސަސާތަކުން ފާހަގަކުރައްވައެވެ. މިއީ ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވާލެވިފައިވާ އިޤްތިޞާދީ ވެއްޓެއް ޤާއިމުކުރެއްވުމަށް ސަރުކާރާއި ދައުލަތުގެ ބާރުތަކުން ކުރައްވާ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިވެ، ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަންކަމެވެ.

ދިވެހި ރައްޔިތުންނަށް ހެޔޮއެދޭކަމަށް ބުނެ، މުޅި ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުން ބޭރުން ރާއްޖޭގެ ވެރިކަން އިންތިޤާލީ ވެރިކަމަކަށް ބަދަލުކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަރުކާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް އެފަރާތްތަކުން ދަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އިޢުލާންކޮށް ވާހަކަދައްކަމުންނެވެ. މިވާހަކަތައް ސަރުކާރުން ދޮގު ކުރައްވައެވެ.

"އަޅުގަނޑަށް އެނގިފައެއްނެތް ސަރުކާރު ވައްޓާލަން އުޅޭކަމެއް. ސަރުކާރަކީ އެހާފަސޭހައިން ވެއްޓޭއެއްޗެއްނޫން. ސަރުކާރު ބަދަލުވާނީ ވޯޓުން އަސްލު. މިސަރުކާރު ނުވެއްޓޭނެ. މިސަރުކާރު ކިތަންމެވަރަކަށް ބަދަލުކުރަން އުޅުނަސް ނުވެއްޓޭނެ. މިސަރުކާރުގެ އިންތިޤާލީ މަރުޙަލާއެއް ނޯންނާނެ. މިސަރުކާރު މިޓާރމް ނިމެންދެން މިސަރުކާރު ދެމިއޮންނާނެ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ފަސްއަހަރަށްވެސް ހޮވޭނެ." ނައިބު ރައީސް އަބްދުﷲ ޖިޙާދު ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14624566550959.jpg|ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު - ފައިލް ފޮޓޯ: ޕިއެސްއެމް

2013 ވަނައަހަރުގެ ނޮވެމްބަރުމަހު ރާއްޖޭގައި އިންތިޚާބީ ވެރިކަމެއް ޤާއިމުކުރެވުމާއެކު، 2 އަހަރެއްހާ ދުވަސްވީ ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކަށް ފިނިކަމެއް އަންނާނެކަމަށް ބެލެވުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތުމަށްފަހު 3 އަހަރު ފާއިތުވެގެން ދިޔައިރު އެކިފަހަރުމަތިން ޚުދް އެމަނިކުފާނަށް ނިސްބަތްކޮށް އެމަނިކުފާނުގެ އަބުރަށް ހުތުރުވާގޮތަށް އެކި ސިޔާސީ ފަރާތްތަކުން ދިޔައީ އެކި ވާހަކަތައް ދައްކަމުންނެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަންގެ އެކި ތުހުމަތުތަކާއި، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތުހުމަތުތައް ސިޔާސީ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

އެހެންނަމަވެސް ޤާނޫނު އަސާސީން ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލުއިންޞާފް ޤާއިމުކުރުމުގެ ބާރާއި، ރައްޔިތުންގެ މަޖިލީހަކީ ވަކިވަކި މިނިވަން މުސްތަޤިއްލު ބާރުތަކެއްގެ ގޮތުގައި ކަނޑައެޅި މިނިވަން މުސްތަޤިއްލު އެތައް މުއައްސަސާތަކެއް ފުރިހަމައަށް ހިނގަހިނގާ ހުރި ޤައުމެއްގައި މިފަދަ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ހުރި ވާހަކަތަކެއްނަމަ އެކަން ސާބިތުކޮށްދެވެން ޖެހޭނެކަމަށް ސަރުކާރުގެ އިސްފަރާތްތަކުން ވިދާޅުވެއެވެ. ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ފާހަގަވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމް.އެމް.ޕީ.އާރ.ސީގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ފިޔަވަޅު އަޅުއްވާފައިވާއިރު، އެމައްސަލައާއި ރައީސް ޔާމީނާ ގުޅުމެއް ނުވާކަމަށް ވަނީ މިނިވަން މުސްތަޤިއްލު ތަޙްޤީޤަކަށްފަހު ސާބިތުވެފައެވެ. މިކަމުގައި އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ސީދާ ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރައްވާފައިވާކަމީ ދައުލަތުގެ މިނިވަން މުއައްސަސާތައް ފުރިހަމަ މުސްތަޤިއްލުކަމާއި މިނިވަންކަމާއެކު ހިނގަމުންދާކަން ހާމަވާކަމެކެވެ.

img:http://s1.psmnews.mv/images/660x400/14602059166425.jpg|ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

"ރާއްޖޭގެ ތާރީޚްގައި އެންމެ ވިޔާނުދާ ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ތެރެއިން އެކަމަކު އަޅަންޖެހޭ ފިޔަވަޅު އަޅައިފި ދެއްތޯ. އެމް.ޑީ.ޕީ ސަރުކާރުގައި، އެމް.ޑީ.ޕީގެ ހުރިހާ ބާރެއް އޮވެގެން އަޅުގަނޑުމެންގެ ކުރިމަތީގައި، ލައިވްކޮށްފައި ބަހައްޓައިގެން އެމްޑީޕީ ހުރިހާއެންމެން އައިސްފަ ސުވާލުކުރީމަ އެހުރިހާ ސުވާލަކަށް ޖަވާބުދެއްވާފަ ރައީސް ޔާމީން އެކަމުގައި އިހުމާލެއް ނެތްކަމަށް ޕްރޫވްކޮށްދެއްވީ. ރައީސް ޔާމީންގެ މެނޭޖްމެންޓްގެ ތެރޭގައި އެއްވެސް ކޮރަޕްޝަންގެ ޢަމަލެއް އެތަނުން ފެންނާކަށެއް ނެތް، އަސްލުގަ އޭގެ އެއްވެސްކަހަލަ ކޮރަޕްޝަންގެ ޢަމަލެއް ރައީސް ޔާމީންގެ މެނޭޖްމެންޓްގެ ތެރޭގައި ރައީސް ޔާމީން އިންވޯލްވް ވެގެން ހިންގާފައި ހުރިކަމަށް އެރިޕޯޓްތަކުން ފެންނާނެ. މުޅި ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ރައީސް ޑިފެންޑް ކުރެއްވީ އަމިއްލަ ނަފްސު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް ކުރިމަތީގައި. އަޅުގަނޑަކީ އަރިހުގައި ވަރަށް ޒަމާންވަންދެއް މަސައްކަތް ކުރިމީހެއް، ރައީސް ޔާމީނަކީ ކޮރަޕްޓް ބޭފުޅެއްނޫން." ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. 

އިދިކޮޅު ފަރާތްތަކުން ބޭރުދުނިޔޭގައި ރާއްޖެއާ ބެހޭގޮތުން ފަތުރަމުންދާ ވާހަކަތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވާހަކައަކީ ދިވެހި ސަރުކާރުން ހައްދުފަހަނައަޅައިފައިވާ ޖަމާޢައްތަކަށް ވާގިދޭކަމަށާއި، ހައްދުފަހަނައަޅާފައިވާ ފިކުރުތަކަށް ރާއްޖެއިން ތާއީދުކުރާކަމަށް ބުނެ، ދައްކަމުންދާ ވާހަކަތަކެވެ. އެހެންނަމަށވެސް ރާއްޖޭގެ އެންޓި ޓެރަރިޒަމް ޤާނޫނު އެންމެ ޒަމާނީ ފެންވަރަކަށް ބައްޓަންކުރައްވައި ހައްދުފަހަނައަޅައި ދިއުމަކީ ޓެރެރިޒަމްގެ ޢަމަލެއްކަމުގައި ކަނޑައަޅުއްވާފައިވައި، އެޤާނޫނު ތަންފީޒުކުރަން ފައްޓަވާފައިވަނީވެސް މިސަރުކާރުންކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ޓެރަރިޒަމާއި ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ޓޫރިސްޓުންނަށް ރާއްޖޭގައި އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ މުޅިރާއްޖޭގެ އަގުވައްޓާލައި، އިޤްތިޞާދު ބަލިކަށިކޮށްލުމަށް ދައްކާ ވާޙަކަތަކެއް ކަމަށް ދައުލަތުގެ ވަޒީރުން ވިދާޅުވެއެވެ.

ދިވެހިރާއްޖެ ޤައުމީ ސަލާމަތަށް ނުރައްވާވެދާނެ ކޮންމެކަމަކީ ނުހަނު ސީރިއަސް ކަންކަމެވެ. އެހެންކަމުން ރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދައުލަތުގެ ބާރުތަކާއި ދިވެހިޤައުމުގެ އަބުރާ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް ވާހަކަދައްކާ ފަރާތްތަކާމެދު ޤާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ވުޖޫދުގައި ހުރި ޤާނޫނުތަކުގެ އިތުރުން، މިފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އިތުރަށް ހަރުކަށި ޤާނޫނުތައް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ދައުލަތެއް. މިޤައުމަށް ގެއްލުން ދެނިވި އެއްވެސް ވާހަކައެއް (ޙަޤީޤަތެއް ނެތް ވާޙަކައެއް)، ސިޔާސީ އެއްވެސް ބޭނުމެއް ނުވަތަ ވަކި ފަރުދަކު ގޮތެއްގައި ނުވަތަ ޖަމްޢުކޮށް ޖަމާއަތެއްގެ ގޮތުގައިވިޔަސް، ޤައުމަށް ގެއްލުން ދެނިވި ބަހެއް ބުނެފި ހިސާބުން ސީރިއަސް ގޮތެއްގައި މުޅި ޤާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން (ޤާނޫނު އަސާސީގެ) ފުރަތަމަ ބާބުގައި ބަޔާންކުރާ ހަމަތަކާ އެކުގައި މިހާރުވެސް ވުޖޫދުގައި ހުރި ގިނަ ޤާނޫނުތަކަކުން އެމީހުންގެ މައްޗަށް ދައުވާ ކުރެވޭނެ." ނިހާން ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14582770188449.jpg|ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު - ފޮޓޯ: ޕީއެސްއެމް ނިއުސް

އެއްވެސް ފަރާތެއް ނުވަތަ ޖަމާޢަތެއްގެ ސިޔާސީ މަންފާއަށްވުރެ މުހިންމުވާނީ މުޅި ޤައުމާއި ރައްޔިތުންގެ މަންފާއެވެ. ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން އަންނަގޮތަށް ހިންގާ ކޮންމެ ކަމަކީ ދައުލަތާ ދެކޮޅަށް ހިނގާ ޢަމަލުތަކެވެ. އެފަދަ އެއްވެސްކަމަކަށް ފުރުޞަތު ނުދިނުމަކީ ރާއްޖޭގެ ޤާނޫނީވެރިކަން ނަގަހައްޓައި، ދުސްތޫރުގެ ޞިޔާދަތު ރައްކާތެރިކުރުމަށްޓަކައި ދައުލަތުގެ އެންމެހައި ބާރުތަކާއި ދިވެހިރައްޔިތުންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ.

ހުޅަނގުގެ މުސްލިމް ނޫން ޤައުމުތަކާއި ނޫސް އެޖެންސީތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބަސްބުނާ މައިގަނޑު ސަބަބަކީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު. އެފަރާތްތަކުން އެކިފަހަރު  ކަންބޮޑުވުން ފާޅުކުރާ ކޮންމެ ކަމެއް އިސްލާމް ދީނާ ގުޅުވައި، ރާއްޖޭގައި އެހެންދީންތަކަށް ފުރުޞަތު އޮންނަންޖެހޭކަމަށް ބުނާކަމީ އެނގެންއޮތް ޙަޤީޤަތެކެވެ. އެހެންކަމުން ދިވެހިޤައުމާއި ރައްޔިތުންގެ އެންމެ ބޮޑު ފަޚުރު ކަމަށްވާ އިސްލާމްދީން ދިފާޢުކޮށް ޙިމާޔަތްކުރުމަށްވެސް އެފަރާތްތަކުން ދިވެހިރައްޔިތުންގެ ފިކުރާ ކުޅެލައި، ދިވެހިންގެ ދާޚިލީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނުދިނުން ނުހަނު ބޭނުންތެރިއެވެ .

މިކަމަކީ ދިވެހިން ޤަބޫލުކުރާ ދީނީ އަދި އިޖްތިމާޢީ އެންމެހައި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފުކަމެއް ކަމުން ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމުގެ މައުޟޫޢަކީ ބަހުސްކުރަންނުޖެހޭހާ ސާފުކޮށް ޒަމާނުއްސުރެ ކަނޑައެޅިފައި އޮންނަކަމެކެވެ. ހަމައެއާއެކުއެކީގައި ރާއްޖޭގެ ދާޚިލީކަންކަމުގައި ބޭރުގެ ފަރާތްތަކުން ބަސްބުނުމުގެ ފުރުޞަތު ނުދިނުމުގެ ސިޔާސަތަކީވެސް ހަމަ މިފަދައިން ދިވެހިންގެ ދުސްތޫރީ ޤާނޫނުގެ ސިޔާދަތާއި، ޒަމާނުންސުރެ ދިވެހިން ޤަބޫލުކުރާ އިޖްތިމާޢީ އުސޫލުތަކާ ގުޅިފައިވާކަމެކެވެ. ޣައިރުމުސްލިމު ޤައުމުތަކާއި އިސްލާމްދީނަށް ނަފުރަތުކުރާ ފަރާތްތަކުން މުސްލިމްޤައުމުތަކާ ކުރާ ހަނގުރާމަ އަކީ ފިކުރީ ހަނގުރާމައެކެވެ. އެހެންކަމުން ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެތިބެގެން އިސްލާމް ދީނުގެ އުޞޫލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތައި، ދީނުގެ ޙިމާޔަތުގައި މުޅިދުނިޔެއާ ދެކޮޅަށްވެސް ބަސްބުނުމަށް ތައްޔާރަށް އޮތް ޤާނޫނީ ސަރުކާރެއް ޙިމާޔަތްކުރުމަކީ ދިވެހިއެންމެހައި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވާޖިބެކެވެ.