ޚަބަރު

ރަށު ފަތުރުވެރިކަމާއި ބެހޭ ސަރވޭއެއް ފަށައިފި


  • މިސަރވޭ މިމަހު 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ

  • ފަތުރުވެރިންނާއި، ރައްޔިތުންނާއި ގެސްޓު ހައުސް ހިންގާ މީހުން އަތުން މައުލޫމާތު ނަގާނެ

ރަށު ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ސަރވޭއެއް ފަށައިފިއެވެ.

މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ރަށު ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ސިޔާސަތުތައް އެކުލަވާލުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ މުހިންމު މައުލޫމާތު އެއްކުރުމެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މައުލޫމާތު އެއްކުރުމުގެ މި މަސައްކަތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެކަމަށެވެ. އަދި މި ސަރވޭއިން އަގުހުރި މައުލޫމާތުތަކެއް އެއްކުރެވޭނެކަމަށް އެވުޒާރާތއިން ވިދާޅުވިއެވެ. އެއީ ރަށު ފަތުރުވެރިކަމުގެ ތެރެއިން ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، މިފަދަ ރަށްރަށުގެ ރައްޔިތުންނާއި، އަދި އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުންކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ތިން ބައިގެ މައުލޫމާތުތަކުގެ ސަބަބުން ރަށު ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތަކާއި ޚިޔާލުތައް އެނގޭނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. މިހާތަނަށް ސަރވޭ ކުރިއަށްގެންގޮސްފައިވާ ރަށްރަށުގެ ތެރޭގައި ހުޅުމާލެއާއި، ކ. މާފުށި، އާއި ކ. ދިއްފުށި ހިމެނެއެވެ.

ކުރިއަށް އޮތްތަނުގައި ސަރވޭ ކުރިއަށްދާނެ ރަށްރަށުގެ ތެރޭގައި އއ. ތޮއްޑޫ، އދ. ދިގުރަށް، ވ.ކެޔޮދޫ، ބ. ފުޅަދޫ، އާއި ބ. ފެހެންދޫ ހިމެނެއެވެ. މި ސަރވޭގެ ނަތީޖާއިން ލިބޭ މައުލޫމާތަކީ ދިވެހިރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މައުލޫމާތަކަށްވާނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.