ޚަބަރު

ރޮހިންޔާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭން ފަށަނީ


ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޤަތުލުޢާންމުގެ މައްސަލައިގެ އަޑުއެހުންތައް ޖަނަވަރީ މަހު ފެށުމަށް އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ)ން ތާވަލުކޮށްފިއެވެ. އެކުވެރި ދައުލަތްތައް (އދ)ގެ އެންމެ މަތީ ކޯޓު ކަމުގައިވާ އައިސީޖޭން ބުނީ، އެ މައްސަލައިގެ އަޑުއެހުންތައް ޖަނަވަރީ 12ން ފެށިގެން 29އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ތާވާލު ކޮށްފައިވާ ކަމުގައެވެ.

މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި ޤަތުލުޢާންމެއްގެ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޤަތުލުޢާންމުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ގެމްބިޔާއިންނެވެ. އެފްރިކާ ބައްރުގެ ހުޅަނގުގައި އޮތް މުސްލިމުންގެ އާބާދީ ބޮޑު ގެމްބިޔާއިން އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ އިސްލާމީ ޤައުމުތަކުގެ އިއްތިޙާދު (އޯއައިސީ)ގެ ފުރިހަމަ ތާޢީދާ އެކުގައެވެ. 2019ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައަށް ހުޅަނގުގެ ބާރުތައް ކަމުގައިވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ކެނެޑާއިން ވެސް ވަނީ ތާޢީދު ކޮށްފައެވެ.

އައިސީޖޭން ބުނީ، ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ވަކާލާތު ކުރުމުގެ ފުރުޞަތު ޖަނަވަރީ 12ން 15ށް އެ ޤައުމަށް ލިބިގެންދާނެ ކަމުގައެވެ. އަދި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ދޮގު ކުރަމުންދާ މިޔަންމާއަށް، ޖަނަވަރީ 16ން 20ށް، އެ ޤައުމުގެ ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ލިބިދެވޭނެ ކަމުގައެވެ. މީގެ އިތުރުން، ހެކިންގެ ހެކި ބަސް ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް ވެސް އައިސީޖޭން ވަނީ ނިންމާފައެވެ. ނަމަވެސް، އެ އަޑުއެހުންތައް ކުރިއަށް ދާނީ ސިއްރު ކޮށްގެންނެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ޤަތުލުޢާންމެއްގެ ކުށްތައް ހިންގާފައިވާ ކަމުގައި އދގެ މިޝަނަކުން ވެސް މީގެ ކުރިން އޮތީ ކަނޑައަޅާފައެވެ. އެއީ، 2017ވަނަ އަހަރު ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ. އެ ޖަރީމާތަކުން ސަލާމަތްވުމަށް ރޮހިންޔާއިންގެ 730,000ށްވުރެ ގިނަ މީހުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކުރިއެވެ. އަދި، މިހާރު ވެސް ހިންގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އިތުރު މީހުން ބަންގްލަދޭޝަށް ހިޖުރަ ކުރަމުންދާއިރު، އެ ޤައުމުގައި ތިބި ރޮހިންޔާ ރެފިއުޖީންގެ އަދަދު ވަނީ މިލިޔަނަކަށް ވުރެ މައްޗަށް އުފުލިފައެވެ.