ޚަބަރު

ރަސްމާލެ: ސްޕީޑު އަވަސްކޮށް، ދުވާލަކު ހެކްޓަރަކަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ


  • މުޅި ޖުމްލަ 1009 ހެކްަޓަރު ހިއްކާނެ

  • މި މަސައްކަތް ކުރަނީ 12 ސަރަޙައްދަކަށް ބަހާލައިގެން

  • ބިން ހިއްކުމުގެ މަސައްކަތް މާރިޗުގެ ނިޔަލަށް ނިމޭނެ

ރަސްމާލެ އަކީ ސަރުކާރުން އިކޯސިޓީއެއް ގޮތުގައި ތަރައްޤީ ކުރަން ނިންމާ ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުއަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު މަސައްކަތެވެ.

ރަސްމާލެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔަވާހިކަމުގެ ތަޞައްވުރުގެ ތެރެއިން ފަށައި، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު، މިމަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ. އޭގެ ފަހުން ސަރުކާރުގެ އަމާޒަކަށްވީ ހިއްކުން ވީހާވެސް އަވަހަށް ނިންމުމެވެ. ނަމަވެސް އެކި ސަބަބުތަކާއި މަސައްކަތް ޓައިމްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިވައި ނުވެއެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ. ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެންމެ ފަހުން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރ ބޭނުންކޮށްގެން މި ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މި ބަދަލާއެކު މަސައްކަތުގެ ދުވެލި މިހާރު މިވަނީ އަވަސްވެފައެވެ. މަޝްރޫޢުގެ ދުވެލި ބާރު ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރުކަމަށްވާ ކްރިސްޓޮބަލް ކޮލޮން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މަސައްކަތް ފެށިތާ މިހާރު 18 ދުވަސްވީއިރު އެ ޑްރެޖަރ މަސައްކަތް ކުރަމުންދާ ސައިޓް އޭގެ 23 ހެކްޓަރު މިހާރު ވަނީ ހިއްކާފައެވެ. އެމްއޭސީއެލްއިން ވިދާޅުވި ގޮތުގައި މި ސައިޓުގައި ހިއްކަން ނިންމާފައިވަނީ 137.5 ހެކްޓަރުގެ ބިމެވެ.

މި ރޭޓަށް ބަލާއިރު، ދުވާލަކު ހެކްޓަރަކަށްވުރެ ބޮޑު ސަރަހައްދެއް ބިން ހިންކިގެން ދެއެވެ. އަދި އިތުރު ގޮންޖެހުމެއް ކުރިމަތި ނުވާނަމަ، ސަރުކާރުން މިހާރު ލަފާކޮށްފައިވާ ޓައިމްލައިނަށް މިމަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްއޭސީއެލްއިންވެސް ފާހަގަކުރެއެވެ. ސަރުކާރުގެ އަމާޒަކީ މިމަސައްކަތް މާރިޗު މަހަށް ނިންމާލުމެވެ.

މައްޗަންގޯޅީގެ ރައްޔިތުންނާއެކު މިމަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ރައީސް ރަސްމާލެ ބިން ހިއްކާ ނިމޭއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެކަމަށެވެ. ރަސްމާލެއިން ޖުމްލަ 25000 ގޯތިދޫކުރުމަށް ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15000 މިހާރުވާނީ ޢިއުލާންކޮށްފައެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ ފީޒިބިލިޓީ ސްޓަޑީ ހެދުމަށް ކޮންސަލްޓަންޓެއް ހޯދަން މާލީ ކަންކަމާ ބެހޭ ވުޒާރާއިން ވަނީ އިޢުލާންކޮށްފައެވެ.

މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. މިއީ، ވެރިކަން ކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ ބޭނުމުގައި އެކުލަވައިލާ މާސްޓަރ ޕްލޭނެއް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.