ޚަބަރު

ޢަރަބި ބަހުގެ ދުވަހުގެ މުބާރާތްތަކުން 1 ވަނަ ހޯދި ފަރާތްތަކަށް ޢުމްރާ ދަތުރު


  • ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ޅެން ހެދުމާއި ވާހަކަދެއްކުމާއި ލިޔުމުގެ މުބާރާތެއް ވަނީ ބާއްވާފައި

  • އެއްވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކުރީ ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި

ބައިނަލްއަގުވާމީ ޢަރަބި ބަހުގެ ދުވަހާއި ގުޅުވައިގެން ބޭއްވި މުބާރާތްތަކުން 1 ވަނަ ހޯދި ފަރާތްތަކަށް ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ޢުމްރާ ދަތުރު ހަމަޖައްސައިދީފިއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 18 ވަނަ ދުވަސް ފާހަގަކުރަނީ ޢަރަބި ބަހުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އަދި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލް ގަހްތާނީއެވެ.

މި ރަސްމިއްޔާތުގައި ވަނީ ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ މުބާރާތްތަކުން 1 ވަނަ ހޯދި ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ޢުމްރާ ދަތުރުގެ ފުރުޞަތު ހަމަޖައްސައިދީފައެވެ.

ޢަރަބި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު 3 މުބާރާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ ޢަރަބި ބަހުން ވާހަކަދެއްކުމާއި، ޅެން ހެދުމުގެ އިތުރުން ލިޔުމުގެ މުބާރާތެކެވެ.